އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (1) Print E-mail
ކިޔުންތެރިން ދެކޭގޮތް: / 2
ދެރަވަރަށް ރަނގަޅު 
ތާރީޚާއި ސަގާފަތު - ދިވެހި ތާރީޚު
އަންގާރަ, 08 މެއި 2012 00:00

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
ތާރީޚުގައި ލިޔެވެންޖެހޭނީ ހިނގި ކަމެކެވެ. ހިނގާނޭ ކަމެއްނޫނެވެ. ތާރީޚަކީ ވަރަށްބޮޑު އަމާނާތެކެވެ. އެއަށް ރައްކައުތެރިވުން ލާޒިމް އެއްޗެކެވެ. ހިނގި ކަމެއް ކުރިމީހަކު ނެތި، ދުށްމީހަކު ނެތި، ދެނެހުރި މީހަކު ނެތި، ޔޯލަކޮށް ބަޔަކު ދެއްކި ނުއުފަންނަ ނުހައްދަވާ ކަމެއްގެ ވާހަކަ އޭގެ އެތައްއަހަރެއްގެ ފަހުން ތާރީޚީ ކަމެއްގެ ގޮތަށް އުފަންކުރުވަން އުޅެގެން ނުވާނެއެވެ. ތާރީޚުގައި ފާހަނގަކުރަންޖެހޭ ކަމެއް ހާމަކުރަންވާނީ އެކަމެއް ހިނގި ގޮތަށެވެ. ތިމާ ނުވަތަ ތިމާގެ ގާތްފަރާތެއްގެ މަޞްލަޙަތު އޮވެގެން ވިޔަސް ހިނގާފައިވާ ތާރީޚީކަމެއް ހިނގިގޮތަށް ނޫން ގޮތަކަށް ދުލުން ނުވަތަ ޤަލަމުންވިޔަސް ބަޔާންކުރުމަކީ ދޮގު ހެދުމުގެ އިތުރަށް ތާރީޚީ ވަރަށްބޮޑު ޖަރީމާއެކެވެ.
 
ކުރިއްސުރެ ލިޔެވި ފެންނަންހުރި ދިވެހި ތާރީޚުގެ ޞަފުޙާތަކުގައި ގިނައިން ލިޔެވިފައިވަނީ ރަސްކަމާއި މާލެއާއި ގުޅުންބޮޑު ކަންކަމެވެ. ރާއްޖެތެރެއާއި ގުޅުންހުރި ރަސްރަސްކަލުންގެ ދިރިއުޅުއްވުމުގެ ބައެއް ޙާލަތާއި އެބޭފުޅުންގެ ޢާއިލާ ހިނގާފައިވާ ގޮތާއި ރާއްޖެތެރޭގެ ގިނަ ކަންކަން ދިވެހިތާރީޚުގެ ޞަފުޙާތަކުން ވަރަށް ނުފެނެއެވެ. މިހެންވާން ޖެހުމުގެ ޤަބޫލުކުރެވޭ ސަބަބާއި ޤަބޫލުކުރުން ދަތިވާ ސަބަބުތަކެއް ވެސް އޮވެދާނެއެވެ. ނަމަވެސް އެވާހަކަ ދެއްކުމަކީ މިލިޔުމުގެ ބޭނުމާއި ގުޅޭ ކަމެއް ނޫނެވެ.
 
އިސްދޫ ދަރިކޮޅުގެ ތިން ބޭފުޅަކު ދިވެހި ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވިއެވެ. އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ޢަލީ (ހަތްވަނަ) ރަސްގެފާނާއި، އޭނާގެ ދަރިކަލުން ޙަސަން (ދިހަވަނަ) ރަސްގެފާނާއި، އަދި އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ޙަސަން މާފަތްތަކުރުފާނުގެ އިބްރާހީމް މުޡުހިރުއްދީން ރަސްގެފާނެވެ. ދެއްވަދޫ ރަސްގެފާނުގެ އަނބިކަނބަލުން ޚަދީޖާ ކަނބާފާނަކީ އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ބޭފުޅެކެވެ. ޚަދީޖާ ކަނބާފާނު އަވަހާރަވުމުން ދެން ދެއްވަދޫ ރަސްގެފާނު ކައިވެނިފުޅުކުރެއްވީ އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ދަރިކަލުން ޙުސެން ތަކުރުފާނުންގެ، ސަންފާ ކަނބާފާނާއެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވީއިރު މި އަނބިކަނބަލުން އިންނެވިއެވެ.
 
ވިކިޕީޑިއާ ގައި ދެއްވަދޫ ރަސްގެފާނު ހިމަނާފައިވަނީ އިސްދޫ ދަރިކޮޅުގެ ރަސްކަލެއްގެ ގޮތުގައެވެ. ނަމަވެސް އިސްދޫ ދަރިކޮޅުގެ ދެބޭފުޅަކާއި ކައިވެނީގެ ގޮތުން ގުޅިވަޑައިގަތުން ފިޔަވައި އެދަރިކޮޅާއި އެރަސްގެފާނާއި ހުރި ސީދާ ގުޅުމެއް ނުފެނެއެވެ. އެހެނެއްނޫނެވެ. އިސްދޫ ދަރިކޮޅުގެ ޢަލީ (ހަތްވަނަ) ރަސްގެފާނުގެ އަނބިކަނބަލުންނަކީ މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ އިބްރާހީމް ނާއިބު ފަޑިޔަތް ތަކުރުފާނުގެ، މާވައު ރަންދި ބީފާނުގެ، މުޙައްމަދު ފަޑިޔަތް ތަކުރުފާނުގެ، ޢާއިޝާ ކަނބާފާނު (ކަނބޯވަތި އައިސާ ކަނބާފާނު) އަށް ވެފައި، ދެއްވަދޫ ރަސްގެފާނަކީ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ އަލްޙާއްޖު ޢަލީ ތުއްކަލާގެ ބޭފުޅަކަށް ވީމާ އެއީ އިސްދޫ ދަރިކޮޅަށް ނިސްބަތްވާން ޖެހޭ ގުޅުމެއްނަމަ އެގުޅުން އެބަ އޮތެވެ.
 
މުޡުހިރުއްދީން ރަސްގެފާނަކީ އިސްދޫ ދަރިކޮޅަށް ނިސްބަތްވާ ރަސްކަލެއްކަމާއި މިރަދުންގެ ރަސްކަން ފެށުނުގޮތާއި ނިމުނުގޮތުގެ ޚުލާޞާ ލިޔުމެއް ދިވެހިތާރީޚުން ފެނުނަސް މިރަދުންނާއި ސީދާ ގުޅިގެން އުފެދުނު  ޢާއިލާގެ ވާހަކައެއް ދިވެހިތާރީޚީ ޞަފުޙާއަކުން ނުފެނެއެވެ. ދިވެހިތާރީޚީ ލިޔުންތަކެއް ލިޔުއްވި މުއައްރިޚު އުސްތާޛު މަރުޙޫމު މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ތާރީޚުގެ މިބައި ލިޔުއްވާފައިވާތީ ނުދެކެމެވެ. ނަމަވެސް މިބައި ލިޔުއްވުމަށް އެންމެއައުލާ އެއްބޭފުޅަކީވެސް އެމުއައްރިޚު ކަމަށް އަޅުގަނޑު ދެކެމެވެ. މުޡުހިރުއްދީން ރަދުންގެ ޢާއިލާއާބެހޭ ގިނަ މަޢުލޫމާތު އެމުއައްރިޚަށް އެނގިވަޑައިގަނެއެވެ. އޭނާގެ އަރިހުގައި އެއްގެއްގައި އަހަރެއްހާ ދުވަހު އަޅުގަނޑު އުޅެންޖެހުމުން އެމުއައްރިޚަކީ ރާއްޖެއާއި ބެހޭ ވަރަށްގިނަ މަޢުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅެއްކަމަށް އަޅުގަނޑު ދެކެމެވެ.
 
ޣާޒީރަދުންގެ ރަސްކަމުގެ ފަހުން ބައެއް ރަސްރަސްކަލުންގެ ދަރިކޮޅު ލިޔެވި ފެންނަފަށުގައި ވެއެވެ. ނަމަވެސް މުޡުހިރުއްދީން ރަދުންގެ ދަރިކޮޅު ނުފެނެއެވެ. މުޡުހިރުއްދީން ރަދުންނާއި ގާތް ބައެއް ބޭފުޅުން ދިވެހިތާރީޚުގެ ޞަފުޙާތަކެއްވެސް ލިޔުއްވައިފިއެވެ. އެބޭފުޅުންގެ ހަނދުމަފުޅެއްވެސް އެކަމަށް ނެތީބާއެވެ. އަދި މިރަދުންނާއި ގާތް ބައެއް ބޭފުޅުން ރާއްޖޭގެ އެންމެމަތީ ވެރިކަން ކުރައްވައިފިއެވެ. އެބޭފުޅުންގެ "އެދިވަޑައިގަތުމެއް، އަމުރުފުޅެއް"ވެސް އެކަމަށް ނެތީބާއެވެ.
 
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވި ޝައިޚް ޙުސައިން ޞަލާޙުއްދީނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ފާޠިމާ މާވާކިލެގެފާނުގެ، ޢާއިޝާ ކަނބާފާނުގެ، ޢާއިޝާ ރަންދި ކަނބާފާނުގެ، މާވާ މަރިޔަމްދީދީގެ، މާވާ ޙުސައިންދީދީގެ، އާމިނާ މެދުދީދީގެ، ބޮޑުގަލު މޫސާދީދީގެ، ބޭފުޅެކެވެ.
 
ތާރީޚީ ގިނަ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވި އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއަކީ މުޠުހިރުއްދީން ރަދުންގެ، މުޙައްމަދު މަނިކުފާނުގެ، މޫސާ މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެދޫދީދީ(އ)ގެ، ޢާއިޝާދީދީގެ، ޒުލޭޚާދީދީ (ދަލޭކާދީދީ، ނުވަތަ ދީދީ)ގެ، ފިޔޯރީ ދޮންދީދީގެ، އިބްރާހީމްދީދީ، (އިބްރާހީމް ލުޠުފީ، ނުވަތަ އައްޑޫ ތުއްތީދި)ގެ، ބޭފުޅެކެވެ.
 
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވި އަޙުމަދު ޝަފީޤަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާމަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ކީހި އިބްރާހީމްދީދީގެ، ވީރު ޙަސަންދީދީގެ، ޢަލީ މަލިމް މަނިކުފާނުގެ، މަލިންގޭ ޙަސަންދީދީގެ، ތުއްތުދީދީގެ، މަނިއްޕުޅު (ތުއްތުމަނިއްޕުޅު)ގެ، ބޭފުޅެކެވެ.
 
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު ލިބިވަޑައިގެންނެވި ޝަމްސުއްދީން ރަދުންނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާމަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ދޮންބީނާގޭ އާމިނާދީދީގެ، ޢާއިޝާ ރަނި ކިލެގެފާނު (ކަކާގޭ ކަޅުގޮމާ)ގެ، ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ، ޚަދީޖާ ދޮށީދީދީގެ، ކަކާގޭ ގޮމާގެ، ބޭފުޅެކެވެ.
 
ތާރީޚީ ޞަފުޙާތަކެއް އަމިއްލަފުޅަށް ވުޖޫދަށް ނެރުއްވުމާއި އަދި އެކަމަށް އަމުރުފުޅު ކުރެއްވުމުގެ ބާރު ލިބިވަޑައިގެންނެވި ރައީސް އަމީނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ދޮންބީނާގޭ އާމިނާދީދީގެ، ޢާއިޝާ ރަނި ކިލެގެފާނު (ކަކާގޭ ކަޅުގޮމާ)ގެ، ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ، މަރިޔަމް ޅަދީދީގެ، އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ، ބޭފުޅެކެވެ.
 
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު ލިބިވަޑައިގެންނެވި މުޙައްމަދު ފަރީދު ރަސްގެފާނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ދޮންބީނާގޭ އާމިނާދީދީގެ، ޢާއިޝާ ރަނި ކިލެގެފާނު (ކަކާގޭ ކަޅުގޮމާ)ގެ، ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ، ޚަދީޖާ ދޮށީދީދީގެ، ކަކާގޭ ގޮމާގެ، ދޮންގޮމާގެ، ބޭފުޅެކެވެ.    
 
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު ލިބިވަޑައިގެންނެވި ރައީސް ނާޞިރަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ކީހި އިބްރާހީމްދީދީގެ ވީރު ޙަސަންދީދީގެ ޢަލީ މަލިމް މަނިކުފާނުގެ މަލިންގޭ ޙަސަންދީދީގެ މުޙައްމަދުދީދީގެ އަޙުމަދުދީދީގެ ބޭފުޅެކެވެ. ރައީސް ނާޞިރުގެ މަންމާފުޅަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ފާޠިމާ މާވާ ކިލެގެފާނުގެ، ޢާއިޝާ ކަނބާފާނުގެ، ޙާޖީ ބަންޑާރައިން (ޣިޔާޘުއްދީން ރަދުން)ގެ، އިބުރާހީމް ފާމުލަދޭރި ކިލެގެފާނުގެ، ޙަސަންދީދީގެ، ޙުސައިންދީދީގެ، މަރިޔަމްދީދީގެ، މޫސާދީދީގެ، ޢާއިޝާދީދީއެވެ.
 
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު ލިބިވަޑައިގެންނެވި ރައީސް މައުމޫންއަކީ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ މޫސާ މަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ(ކޮނޑޭދީދީ)ގެ މުޙައްމާދީދީގެ ޢާއިޝާދީދީގެ މަރިޔަމްދީދީގެ  ޚަދީޖާދީދީ (ކަތްދާދީދީ)ގެ، ބޭފުޅެކެވެ.
 
ދިވެހިރާއްޖޭގެ މޮޅު ތާރީޚީ ބައެއް ލިޔުންތެރިންނާއި އަދި ދިވެހިރާއްޖޭގެ އެންމެމަތީ ވެރިންގެ ބައެއް ބޭފުޅުންނާއި މުޡުހިރުއްދީން ރަދުންނާއި އެހާބޮޑަށް ގުޅިފައި ވެއެވެ. އެގުޅުމަކީ ކާކުގެދަރި ކާކުކަން އެނގޭގޮތަށް އެކަކު އަނެކަކާއި ގުޅިފައިވުމެވެ. އެއީ ދުރުތާ ތިމާގެވުންތޯ ގާތުން ތިމާގެވުންތޯ ދަރިންގެ ދަރި ދަރިންނަށްވުންތޯ  ނިންމަވާނީ އޭގެ ޙައްގުވެރިންނެވެ. ކޮންމެގޮތެއްވިޔަސް މިދެންނެވި އެއްވެސް ބޭފުޅަކު މުޡުހިރުއްދީންގެ ފަރާތްޕުޅުން އުފެދުނު ޢާއިލާގެ ވާހަކައެއް ލިޔުއްވައި، ނުވަތަ އެވާހަކަ ލިޔުމަށް "ބާރެއް" އެޅުއްވިނަމަ، އެބައި ހާދަ ފުރިހަމަވީހެވެ.

(ނުނިމޭ)

  މިލިޔުން ކިޔައިފައިވާ ޢަދަދު: 6664

ޚިޔާލުތައް 

 
0 #8 ޢ.ޙިލްމީ 2013-08-25 22:10
މިލިޔުމުގައި ރައީސް މައުމޫންގެ ޢާއިލީ ވަނަވަރެއް ލިޔެފައިވަނީ ލިޔުމުގައި ހާމަކޮށްފައިވާ ކަމަކާއި ގުޅިގެންނެވެ. ޢާއިލީވަނަވަރަކީ އެތައްފަރާތަކުން ލިޔެވިދާނެ އެއްޗެއްނޫންތޯއެވެ. މިހެންވުމުން ރައީސް މައުމޫންއަކީ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ މޫސާ މަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ(ކޮނޑޭދީދީ)ގެ މުޙައްމާދީދީގެ ޢާއިޝާދީދީގެ މަރިޔަމްދީދީގެ ޚަދީޖާދީދީ (ކަތްދާދީދީ)ގެ ބޭފުޅެއްކަމަށް ލިޔެފައިވުމުން އެމަނިކުފާނާއި ވިލިގިއްޔާއި ގުޅިވަޑައިގަންނަވާ ހިސާބަކީ ކޮބައިކަން އެވަނަވަރުން އެނގެންނެތީއެވެ. ނަމަވެސް އެވަނަވަރުގައި އެވާ މަރިޔަމްދީދީގެ ބައްޕައަކީ ކޮނޑޭ ޢަލިމަނިކުފާނުގެ ޢާއިޝާދީދީ އާއި ކޫއްޑޫ ޢީސާ ޚަޠީބުގެ ވިލިގިލީ ދޮންޢަލިތަކުރުފާނު ޚަޠީބާއި ދެކަނބަލުންގެ ދަރިކަލުން ވިލިގިލީ ދޮންމަނިކުފާނު ޚަޠީބު ކަމަށް ލިޔުނުނަމަ ރައީސް މައުމޫން އާއި ވިލިގިއްޔާއި ގުޅިވަޑައިގަންނަވާ ހިސާބު އެނގެން އޮތީހެވެ. މީގެއިތުރަށް މިސިލްސިލާގެ 5ވަނަބައި ބައްލަވައިލެއްވުމުންވެސް އަމްޖަދުގެ ސުވާލުގެ ޖަވާބު ލިބިވަޑައިގެންފާނެއެވެ.
 
 
0 #7 އަމްޖަދު 2013-08-24 13:26
މިލިއުމުގައިވާގޮތުން އުސްތާޛު މައުމޫން ޢަބުދުލްގައްޔޫމާއި ގއ.ވިލިގިއްޔާއި ގުޅޭ ހިސާބެއް އޮޅުންފިލަން އެބައޮތްތޯއެވެ.
 
 
+4 #6 ހުސޭން 2012-05-14 18:19
ފަތްތޫރައިގެ 25، 29 އަދި 30 މި އަދަދުތަކުގައި "އިސްދޫ އާއިލާގެ ފެށުން" މި ޞުރުހީގެ ދަށުން މުހަންމަދު އިބްރާހީމް ލުތުފީ ވަނީ ތާރީޚުގެ މި ބައި އެދުވަސްވަރާ އެކަށޭނަ މިންވަރަކަށް ތަފްސީލުކޮށް ލިޔުއްވާފައި ކަމުގައި ދަންނަވަމެވެ. ލިޔުންތެރިޔާ އެ މުހިންމު ލިޔުންކޮޅު ހޯއްދަވާ މި ލިޔުމުގައި އެ މުހިންމު ބައިތަކަށް ވެސް އަލިއަޅުއްވާލައްވާނެ ކަމަށް އުންމީދުކުރަމެވެ. އަދި މި ލިޔުމަކީ މިހައިތަނަށް ލިބިފައި ނުވާ އިތުރު މައުލޫމާތުތަކެއް ލިބިގެންދާނެ ލިޔުމަކަށް ވާނެކަމަށް ވެސް އުންމީދުކުރަމެވެ. މިފަދަ މުހިންމު މައުޟޫއުއެއްގައި ލިޔުއްވަން ޚިޔާރުކުރެއްވި ކަމަށްޓަކައި ޢަބްދުﷲ ޙިލްމީ އަށް ޢިޚްލާޞްތެރިކަމާއެކު ޝުކުރާއި ސާބަސް ރައްދުކުރަމެވެ. އުސްތާޛުލް މަރުހޫމް މުހަންމަދު އިބްރާހީމް ލުޠުފީ ފަދަ އިހުމާލުކުރެވިފައިވާ ތާރީޚީ ޙަޤީޤަތްތައް ގެނެސްދޭން މަސައްކަތްކުރާ ތާރީޚާ ރައްޓެހި ދިވެހި ދަރިން މިއަދު މިޤައުމަށް އެބަ ބޭނުންވެއެވެ...
 
 
+1 #5 Ali Naseer 2012-05-12 21:52
ރައީސް މައުމޫނުގެ ދަރިކޮޅު ލިޔެފައިވަނީ ރަނގަޅަކަށް ނޫނެވެ. ރައީސް މައުމޫންއަކީ މުޡުހިރުއްދީން ރަދުންގެ، މުޙައްމަދު މަނިކުފާނުގެ، މޫސާ މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ، ދޮންދީދީގެ "ތުއްކަލާގެ" ދީދީގެ، ޢާއިޝާދީދީގެ (އާއި ވިލިގިލީ ދޮންމަނިކުފާނު ކައިވެނި ބައްލަވައިގެން ލިބިލެއްވި) މަރިޔަމްދީދީގެ، ޚަދީޖާދީދީ (ކަތްދާދީދީ)ގެ، ބޭފުޅެކެވެ. އާއިޝަތުދީދީގެ ދޮންމަނިކުފާނުގެ މަރިޔަމްދީދީއޭ އޮތުމުން ދޮން މަނިކުފާނަކީ ހީވަނީ ޢާއިޝަތުދީީދީގެ ބޭފުޅެއް ހެންނެވެ. (އެއީ ތުއްކަލާގެ ދީދީ އެކެވެ. ތުއްކަލާ ދީދީ އެއް ނޫނެވެ.)
 
 
+1 #4 އަބާކިރު 2012-05-12 21:39
މުހަންމަދު އިބްރާހީމް ލުތުފީ ވަނީ ކޮންމެވެސް ވަރަކަށް މުޡްހިރުއްދީން ރަދުންގެ ދަރިކޮޅާ ބެހޭ ގޮތުން ލިޔުއްވާފައެވެ. މުޡްހިރުއްދީން ރަދުންގެ ދަރިކޮޅު، ލުތުފީގެ ހަޔާތުގައި ދިމާވި ކޮނޑޭ ބޭފުޅަކާ ހަމައަށް ލިޔުއްވާފައި ވަނިކޮށް ދެކުނީމެވެ. އަދި މުޘްހިރުއްދީން ރަދުންގެ ފުވައްމުލަކު ގޮތްޕަށް ވެސް ލުޠުފީ އަލިއަޅުއްވާލައްވާފައި ވަނިކޮށް ދެކުނީމެވެ. ފަތްތޫރައިގެ ކުރީ އަދަދުތައް ބެއްލެވީމަ މިކަން އެނގިލައްވާނެއެވެ.
 
 
+3 #3 ޢަބުދުﷲ ޙިލްމީ 2012-05-12 09:51
ކޮމެންޓްކުރެއްވި ފަރާތަށް އިޙުތިރާމް އަދާކޮށް ޝުކުރު ދަންނަވަމެވެ. ތެދުފުޅެކެވެ. އޭގައި ނަންތައް ލިޔުމުގެ ކުށެއް އެބަވެއެވެ. އެކަމަށް މާފަށް އެދެމެވެ.
ކޮމެންޓްގައި އެވާ ޢަލިމަނިކުފާނުގެ، "ދޮންދީދީ" އެއީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޢާއިޝާދީދީ އާއި ޢަލިމަނިކުފާނާއި ދެބޭފުޅުންގެ ދޮންދީދީ(ކޮނޑޭދީދީ) އެވެ. ކޮމެންޓްގައި އެވާ "ތުއްކަލާދީދީ" އެއީ "ތުއްކަލާގެ ދީދީ" އެވެ. ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ ޙަސަންމަނިކުފާނު (ތުއްކަލާ) ކައިވެނިކުރެއްވީ ޙާޖީ ބަންޑާރައިންގެ ދޮންދީދީ(ކޮނޑޭދީދީ) އާއިއެވެ. ލިބިވަޑައިގަތީ އިބްރާހީމްދީދީ (ދީދީ)އެވެ. މިހެންވީމާ އެވަނީ ކުރިން ދެންނެވިހެން "ތުއްކަލާގެ ދީދީ" (ޙަސަންމަނިކުފާނުގެ އިބްރާހީމްދީދީ) އަށެވެ. އެއީ ތުއްކަލާދީދީ އެއް ނޫނެވެ.
މި އިބްރާހީމްދީދީ ކައިވެނިކުރެއްވީ އޭނާގެ މަންމަ ފަރާތްޕުޅުގެ ބޮޑުބޭބެ (ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޢާއިޝާދީދީ އާއި ޢަލިމަނިކުފާނާއި ދެބޭފުޅުންގެ) މުޙައްމަދުދީދީ (ތުއްކަލާދީދީ)ގެ ދޮންދީދީއާ އެވެ. ކައިވެނިކުރެއްވި ދެބޭފުޅުން ދެބެންގެ ދެދަރިއެވެ. ލިބިވަޑައިގަތީ މުޙައްމަދުދީދީ އާއި އިބުރާހީމްދީދީ އެވެ. ރައީސް މައުމޫންގެ މަންމާފުޅު ނިސްބަތްވަނީ މި މުޙައްމަދުދީދީގެ ޢާއިލާއަށެވެ.
މިހެންވީމާ އެލިޔުމުގައި އޮންނަންވަނީ "ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު ލިބިވަޑައިގެންނެވި ރައީސް މައުމޫންއަކީ މުޡުހިރުއްދީން ރަދުންގެ، މުޙައްމަދު މަނިކުފާނުގެ، މޫސާ މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ، ދޮންދީދީ(ކޮނޑޭދީދީ)ގެ މުޙައްމާދީދީގެ ޢާއިޝާދީދީގެ މަރިޔަމްދީދީގެ، ޚަދީޖާދީދީ (ކަތްދާދީދީ)ގެ، ބޭފުޅެކެވެ."
ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކޮޅުގެ މިބައި ލިޔެ މީގެ 15 ވަރަކަށް އަހަރުގެ ކުރިން އެލިޔުންވާނީ އެލިޔުމާއި ގުޅުންހުރި ބައެއް ބޭފުޅުންނަށް ލިބިވަޑައިގެންފައެވެ. މިދަރިކޮޅުގެ މަޢުލޫމާތު ހޯއްދަވައި އެއްކުރައްވާފައިވަނީ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީއާއި ކޮނޑޭ ދާރުއްސަލާމް އިބްރާހީމް އިސްމާޢީލްދީދީ އާއި ތިނަދޫ އޯޝަންޕާކް އަލްމަރުޙޫމް ވިލިގިލީ ޙުސޭން އެވެ. މިއީ ހުވަދުއަތޮޅުގެ ދުވަސްވީ ޢާއިލީ މަޢުލޫމާތު މުއްސަނދި އަދި މަޢުލޫމާތުގެ ސީދާކަން ފާހަނގަކުރެވޭ ބޭފުޅުންކަމަށް ދަންނަވަންޖެހެއެވެ. ޙަސަން ޙިލްމީއާއި އިބްރާހީމް އިސްމާޢީލްދީދީ ވެސް ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިފަސްކޮޅަށް ނިސްބަތްވެއެވެ.
މިފަހަރު މިކަމަށް އަޅުގަނޑު ކުރި މަސައްކަތުގައި ފުވައްމުލަކު ވިދުވަރުގޭ ޢަލިދީދީ މަޢުލޫމާތު ދެއްވީވެސް މިގޮތަށެވެ. އެއީ ޙާޖީ ބަންޑާރައިންގެ ޢާއިލާއަށް ނިސްބަތްވާ ދަރިކޮޅުގެ މަޢުލޫމާތު ތަނަވަސް ބޭފުޅެކެވެ.
ޝުކުރިއްޔާ!
 
 
+3 #2 ޒާހިރު 2012-05-11 20:07
ރައީސް މައުމޫނުގެ ދަރިކޮޅު ލިޔެފައިވަނީ ރަނގަޅަކަށް ނޫނެވެ. ރައީސް މައުމޫންއަކީ މުޡުހިރުއްދީން ރަދުންގެ، މުޙައްމަދު މަނިކުފާނުގެ، މޫސާ މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ، ދޮންދީދީގެ ތުއްކަލާދީދީގެ ޢާއިޝާދީދީގެ (އާއި ވިލިގިލީ ދޮންމަނިކުފާނު ކައިވެނި ބައްލަވައިގެން ލިބިލެއްވި) މަރިޔަމްދީދީގެ، ޚަދީޖާދީދީ(ކަތްދާދީދީ)ގެ، ބޭފުޅެކެވެ. އާއިޝަތުދީދީގެ ދޮންމަނިކުފާނުގެ މަރިޔަމްދީދީއޭ އޮތުމުން ދޮން މަނިކުފާނަކީ ހީވަނީ ޢާއިޝަތުދީީދީގެ ބޭފުޅެއް ހެންނެވެ. މި މެސެޖު ޙިލްމީއަށް ރައްދުކޮށްދިނުން އެދެމެވެ.
 
 
+4 #1 ރަޝީދު 2012-05-09 08:16
ހިތަށް އަރައެވެ. މި ޙިލްމީ އަކީ ހަމަ އެ ޙިލްމީ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ، އަޅުގަނޑު ދުށީ ޞިއްޙީ ފަރުވާ ދޭމީހެއްގެ ގޮތުގައެވެ. އިލެކްޓްރިޝަނެއްގެ ގޮތުގައެވެ. ޑްރާމާ ކުޅުނު މުމައްސިލެއްގެ ގޮތުގައެވެ. ކުޅަދާނަ ލިޔުން ތެރިއެއްކަން އެނގެން މިފެށީ އަދި ކިރިޔާއެވެ. އެއަށްވުރެވެސް ކުޅަދާނަ ޝާޢިރެއްކަން އެނގުނީވެސް މި ވެބް ސައިޓް މެދުވެރިޔަކަށް ވެގެންނެވެ. މަރިޔަމްދީދީގެ ރަން އަޑުން، މި ހަނދާނުގައި ބިންވަޅު ނެގިފައިވާ މޮޅު ޅެން، "އާނ ކިޔާ އުޅުނު ހިތްވަރު .......... " ހެއްދެވި ޝާޢިރަކީ ޙިލްމީ ކަން އެނގުނީ ތިރީހަކަށް އަހަރު ފަހުން އަދި ކިރިޔާއެވެ. ޙިލްމީގެ އަގު އަދި އިތުރަށް އުފުލިގެން ހިނގައްޖެއެވެ. ލިއުއްވުން ހުއްޓައި ނުލައްވާށެވެ.
 

ޚިޔާލު ފޯމު

  • JoomlaWorks Simple Image Rotator

މި ލިޔުންތެރިޔާގެ ލިޔުންތައް

މި ވަގުތު އޮންލައިންގައި

 43 ކިޔުންތެރިން 

ބަސްފޮތުން

ހަހުރަޔާ - ނ. (ބޯދާ) ހަސަދަވެރިޔާ
ލިޔުންތައް ކިޔައިފައިވާ ޖުމްލަ ޢަދަދު : 10098999

އެންމެފަހުގެ ޚިޔާލުތައް