އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (2) Print E-mail
ކިޔުންތެރިން ދެކޭގޮތް: / 1
ދެރަވަރަށް ރަނގަޅު 
ތާރީޚާއި ސަގާފަތު - ދިވެހި ތާރީޚު
ހޮނިހިރު, 12 މެއި 2012 00:02

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
(8 މެއި 2012 (އަންގާރަ) ގުޅޭ)
 މުޡުހިރުއްދީން ރަދުންގެ ޢާއިލާއާއި އެ ޢާއިލާއާއި ގުޅުންހުރި ގިނަ މަޢުލޫމާތުކޮޅެއް ގެނެސްދެވޭތޯ އަޅުގަނޑު އުޅެންޖެހުނު އިރު ނަޞީބު ދެރަކަމުން އަޅުގަނޑާއި ވަރަށްގާތް ދިވެހި މުއައްރިޚު އުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް މިދުނިޔެ ދޫކުރައްވައިފިއެވެ. ފެންނަންއޮތީ އޭނާ ލިޔުއްވި މަޢުލޫމާތްތަކުން ކުޑަ މިންވަރެއްކަމަށް ޤަބޫލުކުރެވެއެވެ. މިހެންވުމުން އަޅުގަނޑާއި ހަމައިގައިވާ (މުޡުހިރުއްދީން ރަދުންގެ ދަރިފަސްކޮޅުގެ ބޭފުޅަކު އެދަރިފަސްކޮޅާއި އަދި އޭރު ތިބި ދުވަސްވީ މީހުންގެ ގާތުން ކުރިއްސުރެ ހޯއްދަވާފައިވާ) މަޢުލޫމާތަށް އިތުރު މުއްސަނދިކަމެއް ގެނެވޭތޯ މުޡުހިރުއްދީން ރަދުންގެ ދަރިފަސްކޮޅުގެ ދުވަސްވީ ހަރުދަނާ ބައެއް ބޭފުޅުންގެ އެހީތެރިކަން މިފަހަރުވެސް ހޯދީމެވެ.

މިދެންނެވި ގޮތުން ހޯދައި އެއްކުރެވުނު މަޢުލޫމާތާއި ބައެއް ފޮތާއި އިންޓަރނެޓް ބައެއް ސައިޓުތަކުން ހޯދުނު ތާރީޚީ މަޢުލޫމާތުގެ އަލީގައި މިލިޔުން ލިޔެ ފެންނަފަށަށް ތިލަވިއިރު އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަދުންގެ ޢާއިލާގެ މިހާރު ދުނިޔޭގައި ތިއްބެވި ގިނަ ބޭފުޅުންނާއި އަދި އެރަދުންގެ ޢާއިލާއާއި ގުޅިފައިވާ އެހެން ޢާއިލާތަކުގެ ގިނަ ބޭފުޅުންނަށްވެސް މީގެ ކުރިން ރަނގަޅަށް އެނގިވަޑައިގެންފައި ނެތް ނުވަތަ ހަނދުމަފުޅު ނެތް ދަރިފަސްކޮޅާއި އަދި އިތުރު މަޢުލޫމާތްތަކެއް މިލިޔުމުގައި ހުރެދާނެކަމަށް ޤަބޫލުކުރެވެއެވެ. އެފަދަ މަޢުލޫމާތަކީ މިހާތަނަށް ގިނަބަޔަކަށް ޢާއްމުކޮށް އެނގިފައި ނެތް "ތަދު" މަޢުލޫމާތަކަށްވެސް ވެދާނެއެވެ.

މުޡުހިރުއްދީން ރަދުންގެ ބައްޕާފުޅަކީ ފުވައްމުލަކު ފުނާޑު ދޮންމަޙުމޫދު ޚަޠީބުގެ ދޮންއަޙުމަދު އެދުރުކަލޭގެފާނުގެ ދައިގަޑު ދޮންޢީސާ ޚަޠީބުކަލޭގެފާނު، ހައްދުންމަތީ އިސްދޫ އައިސާދިޔޯ (ކުޑައިބީކަމަނާ)އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ދައިގަޑު މާފަތްތަކުރުފާނު ( އިސްދޫ *އިބްރާހީމް ޝާހުބަންދަރު ބޮޑު ވެލާނާތަކުރުފާނު)ގެ ޙަސަން މާފަތްތަކުރުފާނުކަމާއި *އިބްރާހީމް ވެލާނާތަކުރުފާނަކީ ވެލާނާކަން ލިބިވަޑައިގަތުމުގެކުރިން ފުވައްމުލަކު ދައިގަޑު މާފަތްތަކުރުފާނުކަމަށް ދިވެހި މުއައްރިޚު މުޙައްމަދު އިބުރާހީމް ލުޠުފީ ލިޔުއްވާފައިވެއެވެ.

މުޡުހިރުއްދީން ރަދުންގެ މަންމާފުޅަކީ އަލްޙާފިޡް މުޙައްމަދުގެ، ފުވައްމުލަކު އެދުރު ޙަސަން ނާއިބު ރަނަހަމާދި ތަކުރުފާނުގެ، މީދޫ ޝަމުސުއްދީން ފަނޑިޔާރު ތަކުރުފާނުގެ، އަލްޙާފިޡާ ފާޠިމާފާނުގެ، ކޮރުވަލު ޒުލޭޚާބީގެ، އަތިރީ ޙައްވާބީ އާއި ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނު ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި *އަތިރީކަމަނާ އެވެ.

މުޡުހިރުއްދީން ރަދުންގެ މަންމާފުޅު އަތިރީ ކަމަނާގެ މަންމަ ޙައްވާބީއަށް އަތިރީފަނޑިޔާރުގޭ ޚަދީޖާ މަނިކެފާނު ކިޔާކަމަށް ބައެއް ލިޔުންތަކުގައި ހުރެއެވެ. ނަމަވެސް 1984ގައި ސަރުކާރުން ނެރުއްވި "މާލޭ ހުކުރުމިސްކިތް" ފޮތުގެ 321 ވަނަ ޞަފުޙާގައިވާ 68 ނަމްބަރު އަންހެން މަހާނަގަލަކީ *އަތިރީކަމަނާގެ އިބްރާހީމް ބޮޑު ވެލާނާމަނިކުފާނުގެ ކުޑަ ހަކުރާ ޢަލިމަނިކުފާނުގެ ޚަދީޖާ މަނިކެފާނުގެ މަހާނަގައު ކަމަށް އެގަލުން އެނގެއެވެ. މިކަމަނާގެ މަންމައަކީ ގަމު ރައްބެއި އައްނާއިބު ޙުސައިން ޢަފީފުއްދީން ނާއިބުތަކުރުފާނުގެ އަލްގާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރުތަކުރުފާނުގެ ޢާއިޝާމަނިކެފާނު ކަމާއި އަވަހާރަވީ 29 ރަޖަބު 1236 ބުދަ ވިލޭރޭ ނުވަނަ ސާޢަތުގައި ކަމަށް އެގަލުން އެނގެއެވެ. އަދި މިއީ އަތިރީ ފަނޑިޔާރުގޭ ޚަދީޖާ މަނިކެފާނުކަމަށް ވެސް އެފޮތުގައި ވެއެވެ.  

މުޡުހިރުއްދީން ރަދުންގެ މުނިކާފާފުޅު ފުވައްމުލަކު ދައިގަޑު ދޮންޢީސާޚަޠީބަށް ތިންބަޑަށް ބޭފުޅުން ލިބިވަޑައިގަތެވެ. ދޮށީ ދަރިކަލަކީ ވައުރުލު (ވާރުލޫ) ޢަލިތަކުރުފާނެވެ. މީނާއަކީވެސް މަޝްހޫރު ބޮޑު ޢާއިލާއެއްގެ ބޮޅެކެވެ. މީނާގެ މަންމައަކީ ހުވަދުއަތޮޅު ވައުރުލު (މިހާރު ފަޅުރަށެއްކަމަށްވާ ވާރުލޫ) ބޭކަނބަލެކެވެ. ޚަޠީބު ކަލޭގެފާނުގެ އަނެއް ދެބެއިންނަކީ މުލަކު ދިގެލަގެދަރު ކުޑަތަކުރުފާނާއި ދައިގަޑު މާފަތްތަކުރުފާނު (އިބްރާހީމް)އެވެ. ކުޑަތަކުރުފާނުގެ މަންމައަކީ މުލަކު ދިގެލެގެދަރު ބޭކަނބަލެކެވެ. ދައިގަޑު މާފަތްތަކުރުފާނު ނުވަތަ އިބްރާހީމް ޝާހުބަންދަރުގެ މަންމައަކީ އިސްދޫ ކުޑައިބީކަމަނާއެވެ.

ދައިގަޑު ދޮންޢީސާޚަޠީބު ހައްދުންމަތީ އިސްދޫގެ ބޭކަނބަލަކާއި ކައިވެނިކުރައްވަން މެދުވެރިވިގޮތާއެކު ތާރީޚުގައި ފާހަނގަވެގެންދާނޭ ގިނަ ކަންކަމެއް މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ލިޔުއްވުމަކުން އެނގެއެވެ.

"އިސްދޫ ދަރިކޮޅާބެހޭ މަޢުލޫމާތު ހޯދުމުގެތެރޭގައި މުހިންމު ތިންރޮނގަކުން އިތުރު އަލިކަމެއް ލިބުނެވެ. އައްޑުއަތޮޅާއި މުލަކާއި އަދި ހުވަދުއަތޮޅާއި ހައްދުންމައްޗާއި ދެމެދުގައި ކުރީގެ ޒަމާނެއްގައި ހުރި ނަސްލީ އަދި އިޤްތިޞާދީ ގުޅުންތަކާއި އެއްއަތޮޅުން އަނެއްއަތޮޅަށް ހިޖުރަކުރުމުގެ މައްޗަށެވެ. އަދި އައްޑުއަތޮޅު ހިތަދުއާއި ފުވައްމުލައް އެއްފަހަރަށްވުރެ ގިނަފަހަރު ފަޅުވެފައި އަލުން އާބާދުވީ ގޮތްތަކުގެ މައްޗަށެވެ.

އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނާއި އެރަދުންގެފަހަށް އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (1ވަނަ) އާއި އެރަދުންގެ ދަރިކަލުން އައްސުލްޠާނު އިބްރާހީމް އިސްކަންދަރުގެ ރަސްކަމާއި ދެމެދުގައި އިސްވެ ދެންނެވި 4 އަތޮޅުގެ މީހުން އާދަވެގެން އެއްއަތޮޅުން އަނެއްއަތޮޅަށް އަގަމަތި މަސްދޯނިފަހަރުގައި ދަތުރުފަތުރުކޮށް އެއްއަތޮޅެއްގައި އުފައްދާ ތަކެތި އަނެއްއަތޮޅަކަށް ގެންގޮސްގެން ވިޔަފާރީގެ މުޢާމަލާހިންގަމުން ދިޔަކަން ފާހަގަކުރެވެއެވެ. އަދި އައްޑުއަތޮޅު ހިތަދޫ ދެތިންފަހަރެއްގެމަތިން ފަޅުވެ އަލުން އާބާދުވީކަމަށް ދޫދޫމަތިން ދެކެވެމުންދިޔަ ވާހަކަތަކަށް އިތުރު ހެކިތަކާއި ޤަރީނާ ލިބިގެންދިޔައެވެ. އެންމެފަހުން ހިތަދޫ ފަޅުވިފަހުން އަލުން އެރަށް އާބާދުކުރީ އައްޑުއަތޮޅު މީދޫމަގުން އައި މުލަކުގެ 3 ޢާއިލާއެއްގެ މީހުންނެވެ. އާދެ! އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރުތަކުރުފާނުގެ ޢާއިލާއާއި މުލަކު އިހަލަގެދަރު ދޮންޢުމަރުކަލޭގެއާއި ދޮންޙަސަންކަލޭގެ ޢާއިލާއެވެ. މިކަން ހިގާފައިވަނީ އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނުގެ ރަސްކަމާއި އައްސުލްޠާނު އިބްރާހީމް އިސްކަންދަރު (1ވަނަ)ގެ ރަސްކަމާއި ދެމެދުގައެވެ. ފުވައްމުލައްވެސް ދެތިންފަހަރު ފަޅުވިކަމާއި އަލުން އާބާދުވީކަމަށްވެސް ބުނެވެއެވެ. މީގެކުރީގައި ބުނާ ބުނުންފިޔަވައި އިތުރުހެކިތަކެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެވާހަކައަކީވެސް ޙަޤީޤަތެއްކަމުގައި ވެއެވެ.

އެންމެފަހުން އެރަށް ފަޅުވެފައި އޮތުމަށްފަހު އަލުން އާބާދުވީ އައްސުލްޠާނު މުޙައްމަދު ސިރީދަންމަރު ބަވަނަ މަހާރަދުންގެ (ކަޅު މުޙައްމަދު ރަސްގެފާނު)ގެ 3ވަނަ ރަސްކަމާއި އައްސުލްޠާނު އަބޫބަކުރު (2ވަނަ) ސިރީ އަސާލީސްލޯކަ މަހާރަދުންގެ ރަސްކަމާ ދެމެދުގެ ދުވަސްވަރެއްގައެވެ. މުލަކުން ހިޖުރަކުރާމީހުން އެޒަމާނުގައި ގޮސްފައިވަނީ އައްޑުއަތޮޅު މީދުއަށާއި ހުވަދުއަތޮޅާއި އަދި ހައްދުންމައްޗަށެވެ. ފަހުގެ ދެއަތޮޅުން ޙާއްޞަގޮތެއްގައި ވާދުއަށާއި ފިޔޯރިއަށާއި ކޮނޑޭއަށާއި އަދި ވައުރުލު (ވާރުލޫ)އަށެވެ. ލ.އަތޮޅު އިސްދޫއަށާއި ދަނބިދޫއަށާއި އަދި ފޮނަދޫއަށެވެ. އެންމެފަހުން މުލަކުން ފޭބި މީހުންގެތެރެއިން ހައްދުންމައްޗަށް ދިޔަ މީހުން އެނބުރިރަށަށް ދިޔައީ އިސްދޫ ނުވަތަ ދަނބިދޫގައި ހުރި އެދުރުބޭކަލަކު ގޮވައިގެންނެވެ. މިދެންނެވި އެދުރުކަލޭގެފާނުގެ ޢާއިލާއިން އެންމެމަޝްހޫރުވީ ބޭކަލަކީ (ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތް) މުލަކު ދޫޑިގަމު އެދުރުކަލޭގެފާނެވެ.

ރަށްރަށް ވަގުތީގޮތުން ފަޅުކޮށްފައި އެހެންރަށްރަށަށް މީހުން ދިޔުމަށްފަހު އަލުން އެރަށަކަށް އެނބުރި އައިސް އެރަށް އާބާދުކުރުމަކީ ރާއްޖޭގެ ވަރަށްގިނަ އަތޮޅުގައި ހިގާފައިވާ ކަމެކެވެ. ގިނަފަހަރު ރަށްރަށް ފަޅުކުރާންޖެހެނީ "ބަނޑުވޭން" ގަދަހުން (މެލޭރިއާ) ފަދަ ވަބާއީ ބަލިތައް ކުއްލިގޮތެއްގައި ފެތުރިގެންދިޔުމާއެކު މީހުންމަރުވެ، ރަށް ނާމާންވުމުންނެވެ. މަރުނުވެ ބަލިހާލުގައިތިބޭ މީހުން އަވަސްއަވަހަށް އެރަށްދޫކޮށްލާފައި އެހްނަރަށަކަށްދަނީ އަމާންކަމެއް ހޯދުމަށްޓަކައެވެ. އެބަޔަކު ފަޅުކުރި ރަށަކަށް އަމާންކަމެއްލިބޭހައި ދުވަސްކޮށްފައި އަލުންއެނބުރި ރަށަށްގޮސް ވަޒަންވެރިވުމުން އަލުން އެރަށެއް އާބާދުވީކަމުގައި ބެލެވެއެވެ.

އިސްވެދެންނެވިގޮތުން ކުރާ ހިޖުރައިގައި އެބަޔަކު ވަގުތީގޮތުން ވަޒަންވެރިވީ ރަށަކުން މީހުނާއިދެ އައު ޙަޔާތެއް ފަށާފައިވެސް ވެއެވެ. މިގޮތުން މުލަކު ދައިގަޑު ދޮންޢީސާ ކަލޭގެފާނުވެސް އިސްދުއަށްކުރެއްވި ދަތުރުގައި އެރަށުގައި ވަޒަންވެރިވެލެއްވީއެވެ. ނަތީޖާއެއްގެގޮތުން އޭނާގެ ޢާއިލާގެ އިސްދޫކުރި އިސްދޫޢާއިލާގެ ނަމުގައި ރާއްޖޭގެ ތާރީޚުގައި ފާހަގަވާން ޖެހުނީއެވެ. ރާއްޖޭގައި ރަސްކަންކުރެއްވި ޢާއިލާތަކުގެ ނަން ނިސްބަތްވެފައިވަނީ އެޢާއިލާއެއްގެ ފެށުން އުފަންވި ރަށަކަށް ނިސްބަތްކޮށެވެ. މިގޮތުން އިސްދޫ ޢާއިލާގެ ނަން ލ.އިސްދުއަށް ނިސްބަތްވެފައިވަނީއެވެ. އިސްދުއަށް އެޢާއިލާ ނިސްބަތްވެފައިވީ ނަމަވެސް ޙަޤީޤަތުގައި އެޢާއިލާގެ އަޞްލަކީ 4 މަތިފުށުން ފުވައްމުލަކުގެ ޢާއިލާއެކެވެ. އިސްދުއަށް ނިސްބަތްވާނަމަ ނިސްބަތްވަނީ އިސްދޫ ކުޑައިބީކަމަނާގެ ސަބަބުންނެވެ."

މުޡުހިރުއްދީން ރަދުންނަކީ ރާއްޖެއަށް މަޝްހޫރު މީދޫ ޝަމްސުއްދީން ފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅުގެ ބޭފުޅެކެވެ. ޝަމްސުއްދީން ފަނޑިޔާރުތަކުރުފާނަކީ އެތަކުރުފާނުގެ ޢިލްމުވެރިކަމާއި ފިޤުހުވެރިކަމުގެ އިތުރުން އެތަކުރުފާނުގެ ބޭފުޅުންނާއި ދަރިފަސްކޮޅުގެ ބޭބޭފުޅުންގެ ދީނީ ޤައުމީ ޚިދުމަތަށް ބެލިކަމަށްވިޔަސް އެގޮތުން ދަރަޖަ ކުރުމުގައި އެތަކުރުފާނާއި ފައިހަމަކުރެވޭނޭ އެއްވެސް ދިވެއްސެއް ނެތް ބޭފުޅެކެވެ. މިއީ އިންކާރުކުރެވެން ނޯންނާނޭ ކަމެކެވެ. މިތަކުރުފާނާއި މިތަކުރުފާނުގެ ދަރިދަރިކޮޅުގެ ބޭފުޅުންގެ ޚިދުމަތަށް ބަލާލެވޭތޯ މީހަކު އުޅުމަކީ ކަނޑުގެ ލޮނުކަން ފޮނިކުރެވޭތޯ ކަނޑަށް ހަކުރު އެޅުންފަދަ ކަމެކެވެ.

ވަކި ދަރިކޮޅަކަށް މީހަކު ނިސްބަތްވުމަކީ ނުވަތަ މީހެއްގެ ޙަސަބާއި ނަސަބުގެ މޮޅުކަމެއް ހުރިކަމަށް ބެލެވުމަކީ މީހަކު ފަޚުރުވެރިވާން ޖެހޭ ކަމެއްނޫނެވެ. އެހެނީ، ޙަގީގީ ފަޚުރުވެރިއަކީ ސުވަރުގޭގެ ބާއްޖަވެރި ނިއުމަތް ލިބިގަންނަ މީހާއެވެ. މިދުނިޔޭގައި ގަދައަޅައި އެކަން ހޯދާ މީހާއެވެ. އެމަގުން ކަސިޔާރުވެ މަގު އޮޅިގެން ނުދާ މީހާއެވެ. ހުރިހާ ފަޚުރެއްގެ ޙައްގުވެރި ބާއްޖަވެރިއަކީ އެއީއެވެ.

ޙަސަން (ދިހަވަނަ) ރަސްގެފާނުގެ ބައްޕާފުޅަކީ އިސްދޫ *އިބްރާހީމް ވެލާނާ ތަކުރުފާނު (ފުވައްމުލަކު ދައިގަޑު މާފަތްތަކުރުފާނު) ގެ ޢަލީ (ހަތްވަނަ) ރަސްގެފާނަށްވީމާ ޙަސަން ރަސްގެފާނާއި މުޡުހިރުއްދީން ރަދުންނާއި ދެބެންގެ ދެދަރިއެވެ. ޙަސަން ރަސްގެފާނުގެ މަންމާފުޅަކީ، މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ އިބްރާހީމް ނާއިބު ފަޑިޔަތް ތަކުރުފާނުގެ، މާވައު ރަންދި ބީފާނުގެ، މުޙައްމަދު ފަޑިޔަތް ތަކުރުފާނުގެ، ޢާއިޝާ ކަނބާފާނު (ކަނބޯވަތި އައިސާ ކަނބާފާނު) އަށް ވީމާ މިފަރާތުންވެސް މުޡުހިރުއްދީން ރަދުންނާއި ގުޅެއެވެ.

"އައްޑުއަތޮޅު ގަމު ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައި ދިވެސް އަކުރުން ލިޔެ ގިނަ ދުވަސްވެފައިވާ މުހިންމު މަހާނަ ގާތަކުގެތެރޭގައި "އަތިރެ ގަނޑުވަރު ކަނބޯވަތި ޢާއިޝާ ކަނބާ" ފާނާއި އެ ކަމަނާގެ މާމަ ދަރިކަލުން ހިތަދޫ އިބްރާހީމް މަނިކުފާނުގެ މަހާނަ، މިސްކިތުގެ އިރު އުތުރު ކަނާ ދިމާލުގައިވާ ބިސްތާނުގައި އެބަހުރިކަމާއި ޢާއިޝާ ކަނބާއަކީ އައްސުލްޠާން ޢަލީ (ހަތް ވަނަ) ގެ އަނބިކަނބަލުންކަމަށް" އަލްއުސްތާޛު މުޙައްމަދު އިބުރާހީމް ލުޠުފީ ލިޔުއްވާފައިވާކަމަށް އަލްފާޟިލާ ނަސީމާ މުޙައްމަދު ލިޔުއްވާފައިވެއެވެ.

މުޡުހިރުއްދީން ރަދުންގެ މަންމާފުޅު *އަތިރީކަމަނާގެ ބައްޕަ ހަނދޭގިރި ތަކުރުފާނަކީ ޢިމާދުއްދީން (ދެވަނަ) ރަސްގެފާނާއި އެއްބަނޑު ބޭފުޅަކަށްވީމާ ޢިމާދުއްދީން (ދެވަނަ) ރަސްގެފާނުގެ ދަރިކަލުން އިބްރާހީމް (ދެވަނަ) ރަސްގެފާނަކީ *އަތިރީކަމަނާއާއި ދެބެންގެދެދަރި ބޭފުޅެކެވެ. އަދި އިބްރާހީމް (ދެވަނަ) ރަސްގެފާނު ކައިވެނިފުޅު ކުރައްވައިގެން ހަ ބޭފުޅުން ލިބިވަޑައިގެންނެވި ޢާއިޝާ ކަނބާފާނަކީ *އަތިރީކަމަނާގެ، ފާޠިމާ މާވާކިލެގެފާނުގެ، ދަރިކަނބަލުންނެވެ. މަޝްހޫރު ޙާޖީ ބަންޑާރައިން (ޣިޔާޘުއްދީން ރަދުން)ނަކީ އިބްރާހީމް ރަސްގެފާނާއި ޢާއިޝާ ކަނބާފާނާއި ދެމަފިރިކަނބަލުންގެ ބޭފުޅެކެވެ.

މުޡުހިރުއްދީން ރަދުންގެ މުނިމާމަ އަލްޙާފިޡާ ފާޠިމާފާނަކީވެސް ފާހަނގަކުރެވޭ ޚިދުމަތްތެރި ބޭކަނބަލެކެވެ. އައްޑުއަތޮޅު ހިތަދޫ ތިންވަނަ ފަހަރަށް  ފަޅުވީމާ އެރަށް އާބާދު ކުރެއްވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ޝަމްސުއްދީނު ފަނޑިޔާރު ތަކުރުފާނުގެ ބޭބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އެފަހަރު ހިތަދޫ އާބާދުކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ތިންބޭފުޅުން ހިތަދޫގައި ތިން މިސްކިތެއް ބިނާ ކުރެއްވިއެވެ. އެއީ އަލްޙާފިޡާ ފާޠިމާފާނު ބިނާކުރެއްވި ހުކުރުމިސްކިތާއި، ދޮން ޢުމަރުކަލޭގެ ބިނާކުރެއްވި ހިތަދޫ މެދުމިސްކިތާއި، އަދި ދޮން ޙަސަންކަލޭގެ ބިނާކުރެއްވި މެދުވަލުމިސްކިތެވެ. ހިތަދޫ "ތަކުރުފާނުމިސްކިތް" ނިސްބަތްވަނީ އަލްޙާފިޡާ ފާޠިމާފާނުގެ ދަރިކަލުން ޙުސައިން ތަކުރުފާނަށެވެ. އެމިސްކިތް ބިނާކުރެއްވީ އޭނައެވެ. އަލްޙާފިޡާ ފާޠިމާފާނާއި ޙަސަން (ދިހަވަނަ) ރަސްގެފާނާއި އޭނާގެ އަނބިކަނބަލުންނާއި ޙަސަން ރަސްގެފާނުގެ ކާފަ ދަރިކަލުން މަޝްހޫރު ބަނޑޭރި ޙަސަން މަނިކުފާނާއި އަދި އެޢާއިލާގެ ވަރަށްގިނަ ބޭފުޅުން  "ތަކުރުފާނު" މިސްކިތު ޤަބުރުސްތާނުފައި ފަސްދާނުލެވިފައި ވެއެވެ.

ޝަމްސުއްދީނު ފަނޑިޔާރު ތަކުރުފާނުގެ އަލްޙާފިޡާ ފާޠިމާފާނުގެ ދަރިފަސްކޮޅުގެ ބޭފުޅުންނަކީވެސް ދީނާއި ޤައުމަށް ޚިދުމަތްކުރެއްވި ބޭފުޅުންނެވެ. ފާޠިމާފާނުގެ ޒުލޭޚާފާނުގެ އަލްވަޒީރު މުޙައްމަދު ދޮށިމޭނާތަކުރުފާނަކީ އެފަދަ ބޭފުޅެކެވެ. މިއީ މުޡުހިރުއްދީން ރަދުންގެ މަންމަ ބޮޑުބޭބޭ ވިދާޅުވާ ބޭފުޅެކެވެ. މިމަނިކުފާނު އަވަހާރަވީ ދޮންބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން ރަސްކަމުގެ ކަންކަން ބެލެހެއްޓެވި ދުވަސްކޮޅު 11 ޖުމާދިލްއާޚިރު 1167ހ. ގައެވެ. މީނާގެ ބައްޕައަކީ މާޅޮހު ވެލަވަޅު ނައި ތަކުރުފާނުގެ ފެންނައި ތަކުރުފާނުގެ ދޮންތަކުރުފާނުގެ ޝަހީދުވީ މުޙައްމަދު ތިރި ކުޑަބަނޑޭރި ތަކުރުފާނެވެ.

(ނުނިމޭ)

  މިލިޔުން ކިޔައިފައިވާ ޢަދަދު: 3995

ޚިޔާލުތައް 

 
+1 #4 ޝުޖާޢު 2012-06-19 02:54
ލިޔުންތެރިޔާގެ މިމަސައްކަތަށް ފަށްފަށުން ޝުކުރު އަރިސްކުރަމެވެ.
އަތިރީކަމަނާގެ ބައްޕަ ބޮޑު ހަނދޭގިރި ތަކުރުފާނަކީ ނޮޅިވަރަންފަރު ބޭކަލެއް ކަމަށް ލުޠުފީ ފަތްތޫރައެއްގައި ލިޔުއްވާފައި ވަނިކޮށް ދުށީމެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު ފޮތުގައި، އެ ބޮޑުހަނދޭގިރި ތަކުރުފާނަކީ ނޮޅިވަރަމު ބޭކަލެއްކަމަށް ލިޔުއްވާފައި އޮއްވާ ދުށީމެވެ. މިލިޔުމުގައި ވަނީ ނޮޅިވަރަންފަރު ބޭކަލެއް ކަމަށެވެ. މިއީ ކިހިނެއްވާ ކަމެއްކަން އޮޅުންފިލުވައިދެއްވުން އެދެމެވެ.
 
 
+4 #3 ހުސޭން 2012-05-14 19:26
ފަތްތޫރައިގެ 25، 29 އަދި 30 މި އަދަދުތަކުގައި "އިސްދޫ އާއިލާގެ ފެށުން" މި ޞުރުހީގެ ދަށުން މުހަންމަދު އިބްރާހީމް ލުތުފީ ލިޔުއްވާފައިވާ ލިޔުންތަކުގައިވާ މުހިންމު މައުލޫމާތު މި ލިޔުމުގައި ހިމެނުއްވެވުން އެދެމެވެ. އެ މުހިންމު ލިޔުންތަކަކީ މިއަދު މާ ގިނަ ބަޔަކު އަޅާނުލާ، ކުތުބުޚާނާ ތަކާއި ކޮށާރުތަކަށް ލާ ރައްކާ ކުރެވިފައި ހުރި ލިޔުންތަކަކަށް ވުމުން މިހާރުގެ ޖީލުތަކާ ހަމައަށް އިންޓަނެޓް މެދުވެރިކޮށް އެލިޔުންތަކުގައިވާ މަޢުލޫމާތު ގެނެސްދިނުން މުހިންމެވެ. އާންމު ރައްޔިތުމީހާ އެލިޔުންތަކަށް އަޅާނުލިއެއްކަމަކު ތާރީޚުގެ ޢިލްމު އެ ރައްޔިތުމީހާއާ ހަމައަށް ގެނެސްދެއްވުމަށް މަސައްކަތްކުރައްވާއިރު ޙިލްމީމެން ފަދަ ބޭބޭފުޅުން އެފަދަ ލިޔުންތަކަށް ރެފާ ކުރައްވަން ޖެހެއެވެ. މިހެން މި ދެންނެވީ މި ލިޔުމުގެ ފުރަތަމަ ބައިގައި ލުތުފީގެ ލިޔުއްވުމެއް މި މައުޟޫއުގައި އޮތް ކަމަށް ޙިލްމީއަށް އެނގިވަޑައިގެންފައި ނެތްކަމަށް ވިދާޅުވެފައި އޮތީމައެވެ. އަދި ލުޠުފީގެ ލިޔުމުގައިވާ މުހިންމު މައުލޫމާތު ޙިލްމީއަށް ލިބިވަޑައިގެންފައި ނެތުމުގެ ސަބަބުން 3 ވަނަ ބައިގައި ތާޜީޚު އޮޅިގެން ދާ ފަދަ މައުލޫމާތުގެ ކުށްތަކެއް ހުރީމައެވެ...
 
 
+2 #2 ޢަބުދުﷲ ޙިލްމީ 2012-05-14 02:12
ޢަބުދުﷲ ނަޢީމު އިބްރާހީމަކީ ލިޔުންތެރިކަމުގެ ވެސް ފަންނީ ބޭފުޅަކަށްވީމާ އެކަހަލަ ކަމެއްގެ ގިނަ ހީފުޅަކީ ޙަގީގަތަށްވުން ވަރަށްގާތް ހީފުޅެވެ.
އަޅުގަނޑުމެންގެ ފޭދޫ ޢަފީފުބޭ (ބޭރުގޭ ޢަބުދުﷲ ޢަފީފު) ވެސް ތިޔަ ވިދާޅުވި މަޖައްލާއެއްގާ އުޅުއްވި ނޫންތޯއެވެ. "ކުރަން އުޅުނީމާ ކަލެޔަށް ވާނެޔޭ އެކަމާއި އުޅެބަލާށޭ" ވިދާޅުވެ ޢަފީފުބެ ބާރު އަޅުއްވައިގެން "ޝަބާނާގެ ޑައިރީ" ގެ ނަމުގައި އަޅުގަނޑުގެ ނެތް ފެންވަރެއްގައި ހަދަހަދައިގެން ވާހަކައެއް ލިޔަން އުޅެގެން ތިޔަ ވިދާޅުވާ މަޖައްލާއެއްގައި ގޯހެއް ހެދިފައި އެބަވެއެވެ.
 
 
+1 #1 ޢަބްދުﷲ ނަޢީމު އިބްރާހީމް 2012-05-13 15:19
އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ ބައްޕަ ނެރުއްވި "ދޫގަސް" (ޑީއެންސީ ކްލަބްގެ މަޖައްލާ) އަށް ކިޔާ މަޖައްލާ އަކަށް ޙިލްމީ ލިޔުއްވިއެވެ. އެހެންވީމާ ޙިލްމީގެ ލިޔުންތެރިކަން ފެށިފައިވަނީ ވަރަށް ކުރިންނެވެ. މިއީ އަނެއްކާ އަޅުގަނޑަށް ހީވެފައިވާ ގޮތެއްތޯއެވެ؟
 

ޚިޔާލު ފޯމު

  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator

މި ލިޔުންތެރިޔާގެ ލިޔުންތައް

މި ވަގުތު އޮންލައިންގައި

 304 ކިޔުންތެރިން 

ބަސްފޮތުން

ހަށިކޮޅުފަސޭހަފުޅު ނއ. [އެންމެމާތް] "ހަށިފަސޭހަ" މިބަހުގެ އެންމެ މާތްގޮތް.
ލިޔުންތައް ކިޔައިފައިވާ ޖުމްލަ ޢަދަދު : 5084706

އެންމެފަހުގެ ޚިޔާލުތައް