އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (5) Print E-mail
ކިޔުންތެރިން ދެކޭގޮތް: / 2
ދެރަވަރަށް ރަނގަޅު 
ތާރީޚާއި ސަގާފަތު - ދިވެހި ތާރީޚު
ހޯމަ, 28 މެއި 2012 23:56

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
(28 މެއި 2012 (ހޯމަ) ގުޅޭ)

އަޅުގަނޑު ލިޔުނު "ނަސަބުގެ ޢިލްމް" މި ސުރުޚީގެ ދަށުގައި ލިޔެފައި ހުރި ކަންކަމާއި އަދި އެކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުންވާނޭ ބައެއް ކަންކަމާމެދު ހެޔޮ އެދިވަޑައިގަންނަވާ ބައެއް ބޭފުޅުން ފާޅުކުރައްވާފައިވާ ޝުޢޫރު (ކޮމެންޓް)ގައި ހުރި ކަންކަމަކީ މިފަދަ ކަންކަން ކުރިޔަށް ގެންދަން ބޭނުންވާ ފަރާތްތަކުގެ ސަމާލްކަމަށް ނުހަނު ބޭނުންތެރި ކަންކަމަށް ވާތީ މިލިޔުން ކުރިޔަށް ގެންދިޔުމުގެ ކުރިން އެޝުޢޫރަތަކަށް ބަލާލިއްޔާ ކީއްތޯއެވެ.

އަހުމަދު 2012-05-27 09:31 
ޒާހިރު އެވިދާޅުވާ ސައިޓުގައި ހުރި މަޢުލޫމާތުތަކަކީ މުޅިން ވެސް ކުރީގެ ވަނަވަރު ފޮތްތަކުން ނެގިފައިވާ މަޢުލޫމާތުތައް. ޙިލްމީ އެ ވިދާޅުވަނީ އޭރުން ފެށިގެން މިހާރާއި ހަމައަށް އެދަރިކޮޅުތައް ފެތުރިގެން ގޮސްފައިވާ ގޮތް އިތުރަށް ހޯދާ ވަނަވަރު ފޮތްތަކުގައި ނުލިޔެވި ހުރި އެ ދަރިކޮޅުތަކުގެ ބައިތަކާއި މިހުރިހާ މަޢުލޫމާތުތަކެއް ހޯދާ އިތުރު ދިރާސާތަކެއް ކުރުމުގެ ވާހަކަ ކަމުގައި ޤަބޫލުކުރެވޭ. އެދުވަސްވަރު ވަނަވަރު ފޮތްތަކުގައި ގިނަ ފަހަރަށް ލިޔެވިފައި ހުންނަނީ ދަރިކޮޅެއްގެ އެއްބައި. އިތުރަށް ދިރާސާކޮށްގެން ނޫނީ ދެން ހުރި ބައިތަކެއް ނުހޯދޭނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު އެމީހެއްގެ ދަރިކޮޅު ހޯދިއްޔާ ކީއްތޯ. 
ރާއްޖޭގައި އޮތީ ރާއްޖޭގައި ރަސްކަންކުރި ދަރިކޮޅުތައް އެކަންޏެއް ނޫން. ރާއްޖޭގައި ފަރަންސޭސި ދަރިކޮޅާއި މެލޭ ދަރިކޮޅާއި އެފްރިކާ ދަރިކޮޅާއި އިންޑިއާ އަދި ލަންކާ ދަރިކޮޅު ވެސް އެބައޮތް. ހުވަދުއަތޮޅުން ފެށުނު ނަލަޔާގެ ދަރިކޮޅަށް ވީ ކިހިނަކުންތޯ؟ އދ. ދިއްދޫ ފަރަންސޭސި ދަރިކޮޅު މިހާރު ކޮބައިތޯ؟ ފުވައްމުލަކުގައި ޤާއިމްވިކަމަށް ބުނެވޭ މެލޭ ދަރިކޮޅު ކޮބައިތޯ؟ މިއިން ކަމެއް ދެނެތިބި ބަޔަކު މިހާރު ތިބި ކަމަކަށް ނުވޭ. ދަރިކޮޅުތައް ހޯދުމުގައި ސައިންޓިފިކް ތަހުލީލުތައް ކުރުން އެއީ ވެސް ރާއްޖޭގައި އެއްގޮތަކަށް ވެސް އޮތް ކަމެއް ނޫން.
ކުރީގެ ވަނަވަރު ފޮތްތަކުގައި ލިޔެވިފައި ހުރި އެއްޗެއް މިހާރުގެ ބައެއްގެ އަތަށް އެރުމުން އެއެއްޗެހި ވެބްސައިޓެއްގައި ޖެހުމަކުން އެއީ އަދި މުޅިން ޝައުގުވެރިކަން ހުރުން ކަމުގައެއް ނުބެލެވޭނެ. އެ ވަނަވަރު ފޮތްތަކާއި ގުޅިގެން ކުރެވެންޖެހޭ އެތައް ހާސް ދިރާސާއެއް ވަނީ ނުކުރެވި. އަދި އެ ވަނަވަރު ފޮތްތަކުގައިވާ ދަރިކޮޅުތަކަށް ވުރެ ރާއްޖޭގައި ގިނައީ ހޯދިފައި ނުވާ ދަރިކޮޅުތައް ކަމީ ފެނިހާމަވާން އޮތް ޙަޤީޤަތެއް. ވަނަވަރު ފޮތްތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު ވެސް ނަސަބު ޢިލްމުގައި ހިމެނޭ. މިހާރު އިންޓަރނެޓުގައި އެހެރަ މަދު ވަނަވަރުތަކުގައި ވެސް ހިމެނޭ ގިނަ މީހުންނަކީ ނަން އެނގުން ފިޔަވައި އިތުރު މައުލޫމާތެއް ނޭނގޭ މީހުން ކަން ފާހަގަކޮށްލަން. ވީއިރު ކޮބައިތޯ ޝައުގުވެރިކަން ހުރުމަކީ... 

ޒާހިރު 2012-05-07 10:51 
މި ފަހަރުގެ ސަން މަޖައްލާ ގައި (46 ވަނަ އަދަދުގައި) ދިޔަމިގިލީ ދަރިކޮޅުގެ ނަސަބު ޗާޓެއް ކުރައްސަވާފައި އެބަ އޮތެވެ. އަދި ދިވެހިރާއްޖޭގެ ބައެއް ދަރިކޮޅުތަކުގެ މަތިކޮޅުގެ މައުލޫމާތު ފޯރުކޮށްދޭ ސައިޓެއް www.maldivianroots.com ވެސް ހުރެއެވެ. މިއީ ދިވެހި ޒުވާނުން ވެސް ނަސަބުގެ އިލްމަށް ސަމާލުކަންދޭކަމުގެ ހެތްކެކެވެ.

ޒާހިރު 2012-05-07 10:51 
މި ފަހަރުގެ ސަން މަޖައްލާ ގައި (46 ވަނަ އަދަދުގައި) ދިޔަމިގިލީ ދަރިކޮޅުގެ ނަސަބު ޗާޓެއް ކުރައްސަވާފައި އެބަ އޮތެވެ. އަދި ދިވެހިރާއްޖޭގެ ބައެއް ދަރިކޮޅުތަކުގެ މަތިކޮޅުގެ މައުލޫމާތު ފޯރުކޮށްދޭ ސައިޓެއް www.maldivianroots.com ވެސް ހުރެއެވެ. މިއީ ދިވެހި ޒުވާނުން ވެސް ނަސަބުގެ އިލްމަށް ސަމާލުކަންދޭކަމުގެ ހެތްކެކެވެ. 

ސަމީރު 2012-05-02 06:16 
ޢަބުދުﷲ ޙިލްމީ ލިޔުއްވާފައިއެވާ ކަންތައް އަޅުގަނޑު އަޖުމަ ބެލީމެވެ. ހާލު ހުރީ ހަމަ ލިޔުއްވާފައި އެވާގޮތަށެވެ.
އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ އެލެކްސް ހޭލީ އަށް މުނިކާފަމެން، މުނި މާމަމެންގެ ތުންތުން މަތިން " ވާރުތަވީ'' ދެތިން ލަފްޒެވެ. ހަތަރު ފަސް ލަފްޒެއް ނޫނެވެ! މި ދެތިން ލަފްޒު ހިފައިގެން އެކި މީހުން ގާތު އަހަމުން، އޮޅުންފިލުވަމުން އޭނާގެ އާއިލާ އެމެރިކާއަށް ގެނައީ އެފްރިކާގެ ކޮން ހިސާބަކުން ޖަހައިގަނެގެންތޯ ބަލައި ހޯދުމުގެ ދަތުރަކީ މަޝްހޫރު '' ރޫޓްސް " ފޮތް ވުޖޫދަށް އައި އައުމެވެ. ROOTS - Alex Haley

ޝާކިރު 2012-05-02 00:41 
ޢަބްދުﷲ ޙިލްމީގެ މި ލިޔުއްވުމުގައި ސަމާލުކަމަށް ގެނެސްދެއްވާފައި މިވަނީ ވަރަށް މުހިންމުކަމެއްކަމުގައި ދެކެމެވެ. ދިރާސާތައް ކުރައްވާ ރަސްމީ ނުވަތަ ނުރަސްމީ އިދާރާތަކުންވެސް މިކަމާމެދު ސަމަލުކަން ދެއްވުން މުހިންމުކަމުގައި ދެކެމެވެ. އަމިއްލަ މީހަކުނަމަވެސް މިކަމަށް ޝައުޤުވެރިކަން އުފައްދައިގެން ކުރިމަތިލާންވެއްޖެއެވެ. އެހެންނޫނީ... ތިމާއަކީ ކާކުކަން ތިމާއަށް ނޭނގޭ ހިސާބަށްވެސް........
 
ދަރިކޮޅު ނުވަތަ ޢާއިލާ ހިނގަމުން ގޮސްފައިވާ ގޮތް ދެނެގަތުމަށްޓަކައި އެކަމުގެ ވަސީލަތް ހޯދައި ލިބިގަންނަން ޖެހެއެވެ. އެވަސީލަތަކީ ދަރިކޮޅާއި ދަރިކޮޅާއި ގުޅުން ހުރި ފަރާތްތަކަކީ ކޮބައިތޯ އެނގޭނޭ ތަކެއްޗާއި ކަންކަމެވެ. ލިޔުންތަކެވެ. ދަރިކޮޅުގެ ޗާޓެވެ. ޢާއިލީގަސް (ފެމިލީޓްރީ)އެވެ. ޢާއިލާ އެނގޭ އިތުބާރު ހުރި ފަރާތްތަކެވެ. އެހެންނޫނީ އެދަރިކޮޅުގެ މީހެކޭ މީހުން ބުނާ މީހަކީ އޭގެ މީހެއްތޯ، މިވެނިމީހަކު މިވެނިމީހަކާއި ގުޅޭތޯ، ގުޅޭނަމަ ގުޅެނީ ކޮންގޮތަކަށް ކިހާ ހިސާބަކުންތޯ، މިކަމެއް ނޭނގޭނެއެވެ.
 
އާދަމް ޢަލައިހިއްސަލާމްގެ ދެމަފިރިކަނބަލުންނާއި ޢީސާ ޢަލައިހިއްސަލާމް ފަދަ މަތިވެރިﷲ ގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމުން އުފައްދަވައި ދުނިޔެއަށް ފޮނުއްވާ ބޭފުޅުން ފިޔަވައި އެހެން ކޮންމެ އިންސާނަކު ދުނިޔެއަށް އުފަންވުމާއި ގުޅިފައިވާނޭ ދެމީހެއްވާނެއެވެ. އެއިން ކޮންމެމީހެއްގެ ހަތަރު މަތިފުށުގައި ހަތަރު މީހުން ވާނެއެވެ. އޭގެ މައްޗަށްވެސް ހަމަ އެގޮތަށެވެ. މިހެންގޮސް ކޮންމެމީހެއްގެ ފެށުން ގުޅޭނީ އާދަމް ޢަލައިހިއްސަލާމް އާއި ކަމަށް ވިޔަސް ކޮންމެމީހަކާއި އާދަމް ޢަލައިހިއްސަލާމް އާއި ގުޅިފައިވާ ގޮތް ހޯދުމަކީ އިލާހީ މަދަދެއްނެތި އާދައިގެ އިންސާނަކަށް ކުރެވޭނޭކަމެއް ނޫނެވެ. ނަމަވެސް އެންމެދުރުން އެނގޭ ހިސާބަކުން އެމީހަކާއި ހަމަޔަށް އެނގެން އޮތްނަމަ އެކަން ބަލައި ދެނެގަތުމަކީ ކޮށްއުޅޭ ކަމެކެވެ.
 
މިލިޔުމުގެ ބޭނުމަށްޓަކައި މުޡުހިރުއްދީން ރަދުންގެ ޢާއިލާއާއި އެޢާއިލާއާއި ގުޅޭ ބައެއް ބޭފުޅުންނަށް ބަލާލެވިފައި އެވަނީ އެބޭފުޅުންގެ ހަމައެކަނި އެއްމަތިފުށުން ނުވަތަ ސިންގަލް ލައިނުންނެވެ. ބަލާލުމުގެ ފަސޭހައަކަށެވެ. ނަމަވެސް ބޭފުޅެއްގެ ދެ މަތިފުށުން، ތިން މަތިފުށުން، ހަތަރު މަތިފުށުން، ބަލާލައިފިނަމަ އެބޭފުޅަކާއި އިތުރު ބޭފުޅުންނާއި ގުޅޭނެއެވެ. މިލިޔުމުގެ ބޭނުމަށްޓަކައި މިގޮތަށް ބަލާލެވިފައިވާ ބޭފުޅުންނަކީ ގިނަ މީހުންނަށް އެނގޭ ބޭފުޅުންނަށް ވެދާނެކަމަށް ބެލެވޭ ބޭފުޅުންނެވެ. އެނޫން އެހެން ބޭނުމެއް އެކަމުގައި އަޅުގަނޑުގެ ނެތެވެ. މިއީ މިސިލްސިލާގައި ގެނެސްދެވޭ މުޡުހިރުއްދީން ރަދުންގެ ޢާއިލާގެ ހުރިހާ ބޭފުޅުން ނޫންކަމާއި ހޯދައި ދެނެގަތުމުގެ މަރުޙަލާގައިވެސް ބޭފުޅުން ވެދާނެކަމާއި އަދި ޢާއިލާއެއްގެ ވަކި ބޭފުޅުންތަކެއް ފާހަގަކުރެވިފައި ވުމުން އެޢާއިލާގެ ދެން ތިއްބެވި އެހެން ބޭފުޅުން ހޯދުމަށްވެސް ފަސޭހަވެގެން ދާނެކަން    ހަނދުމަކުރެއްވުން އެދެވިގެންވެއެވެ. 
 
ކޮނޑޭ ޢަލިމަނިކުފާނުގެ މުޙައްމަދުދީދީ (ތުއްކަލާދީދީ)، ދެއްވަދޫ ގަނޑުވަރު އާމިނާ މަނިކުފާނާއި ކައިވެނިކުރައްވައި ލިބިވަޑައިގަތް ދޮންދީދީ އާއި ކައިވެނިކުރެއްވީ އޭނާއާއި ދެފަރާތުން ދެބެންގެ ދެދަރި *އިބުރާހީމްދީދީ ކަމާއި އެ ދެކަނބަލުންނަށް ލިބިވަޑައިގަތް ދެއްވަދޫ ގަނޑުވަރުދީދީ(އ)  ޒަކަރިއްޔާދީދީގެ ވާހަކަ ދެންނެވިއްޖެއެވެ. (ޒަކަރިއްޔާދީދީ އޭނާގެ ބޭބެ އިސްމާޢީލްދީދީގެ އަރިހަށް ހައްދުންމައްޗަށް ވަޑައިގެން އުޅުއްވި ނަމަވެސް ފަހުން ދިރި އުޅުއްވައި ޢާއިލާ އުފެދުނީ ހުވަދުއަތޮޅުގައެވެ.) ތުއްކަލާދީދީ (މުޙައްމަދުދީދީ)ގެ ދޮންދީއާއި ފަހުން ކައިވެނިކުރެއްވި މުންޑޫ ހަންދަރައްގޭ ޙުސައިން ކަލޭގެފާނަށް ލިބިވަޑައިގެންނެވި އިސްމާޢީލްދީދީ ދިރިއުޅުއްވީ ހައްދުންމަތީގައި ކަމަށް ވެސް ދެންނެވިއްޖެއެވެ. އެ ޢާއިލާ އެ އަތޮޅުގައިވެއެވެ.
 
(*އިބުރާހީމްދީދީ އަކީ، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނު(ތުއްކަލާ)، ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ (ކޮނޑޭދީދީ) އާއި، ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް 2 ބޭފުޅުންގެތެރެއިން *އިބުރާހީމްދީދީ އެވެ. އަނެއްބޭފުޅަކީ މުޙައްމަދުދީދީ (ތުއްކަލާގެދީދީ) އެވެ. މި މުޙައްމަދުދީދީ އަށް ލިބިވަޑައިގަތް ޢާއިޝާދީދީ އާއި ކައިވެނިކުރެއްވީ ވިލިގިލީ ޚަޠީބު ދޮންމަނިކުފާނު ކަމަށް ވެސް ދެންނެވިއްޖެއެވެ.
 
ދޮންމަނިކުފާނާއި ޢާއިޝާދީދީގެ ބޭފުޅުންގެތެރެއިން ދޮންދީދީ، ޙަސަންދީދީ، ފާޠިމާދީދީ، މުޙައްމަދުދީދީ، މޫސާދީދީ، ޢަލިދީދީގެ ޢާއިލާގެ ގިނަ ބޭފުޅުން މިހާރުވެސްވަނީ ވިލިގިލީގައެވެ. ދޮންމަނިކުފާނާއި ޢާއިޝާދީދީގެ މަރިޔަމްދީދީ އާއި ކައިވެނިކުރެއްވީ މާލޭ ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނެވެ. ލިބިވަޑައިގަތީ އާމިނާދީދީ، ޢާއިޝާދީދީ، ކަތްދާދީދީ އެވެ. އުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް އަކީ ކަތްދާދީދީ އާއި ޝައިޚު ޢަބުދުލް ޤައްޔޫމް ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅެކެވެ. ކުރިންދެންނެވި މަރިޔަމްދީދީ އާއި ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނާއި ދެމަފިރިކަނބަލުންގެ ޢާއިލާގެ ގިނަ ބޭފުޅުންވަނީ މާލޭގައެވެ.
 
ހައްދުންމަތީގައި ވަޒަންވެރިވެލެއްވި އިސްމާޢީލްދީދީގެ އެއްބަޑު ދެއްވަދޫ ގަނޑުވަރުދީދީ(އ) އާއި ކައިވެނިކުރެއްވީ ކޮނޑޭ ޢަލިމަނިކުފާނުގެ މޫސާދީދީގެ އަޙުމަދުދީދީ އެވެ. ލިބިވަޑައިގަތީ އިސްމާޢީލްދީދީ، ފާޠިމާދީދީ، އިބްރާހީމްދީދީ، މުޙައްމަދުދީދީ، އަދި ޙާޖީދީދީ ނުވަތަ ޅަކޮއި ދީދީއެވެ. ޙާޖީދީދީގެ ކަޅުތުއްތުދީދީ އަކީ ހަވަރުތިނަދޫގެ ގޮއިވެރިކަން ކުރެއްވި ބޭފުޅެކެވެ. ފަހުން ވަޒަންވެރިވެލެއްވީ މާލެ އަތޮޅު ގުރައިދޫގައެވެ. އޭނާގެ ޢާއިލާ އެތާނގައިވެއެވެ. (މި ޢާއިލާ ގެނެސްދެވޭތޯ މަސައްކަތް ކުރަމުން ގެންދެވެއެވެ.)
 
(މިހާރުގެ ބައެއް މީހުން ދެއްވަދޫ ގަނޑުވަރުދީދީ(އ)ގެ ނަން ކުރުކޮށް ކިޔައި ލިޔަނީ "ދެއްވަދޫދީދީ" އެވެ. ނަމަވެސް އެންމެ ކުރިންވެސް "ދެއްވަދޫދީދީ" ކިޔައި އުޅުނީ ކޮނޑޭ ޢަލިމަނިކުފާނާއި ޢާއިޝާދީދީގެ ދަރިކަލުން މުޙައްމަދުދީދީ (ތުއްކަލާދީދީ)ގެ ދޮންދީދީ އަށެވެ. މިނުކުތާ ހަނދުމަކޮށްލެއްވުން އެދެވިގެންވެއެވެ.)
 
ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ އިސްމާޢީލްދީދީ ކައިވެނިކުރެއްވީ ހަވަރުތިނަދޫ ފޫޅުމާ ދަލޭކާފާނާއެވެ. އިސްމާޢީލްދީދީ އާއި ދަލޭކާފާނު ދިރިއުޅުއްވީ ހަވަރުތިނަދޫގައެވެ. އެޢާއިލާ އެރަށާއި އެހެން ބައެއް ރަށްރަށުގައި އެބަވެއެވެ. މިސިލްސިލާގެ 4ވަނަ ބައިގައި ދަންނަވާފައިވާ މާލޭ ޤައުމީ ހޮޓެލުން ހައްދުންމަތީގެ ބޭފުޅެއްކަމަށްވާ މުޙައްމަދު ޖަމީލުއާއި ވާހަކަދެއްކެވި ހަވަރުތިނަދޫ ކަތީބު ޙުސޭންދީދީ (އޮޅަދީދިކަތީބު) ގެ ބައްޕައަކީ ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ އިސްމާޢީލްދީދީގެ މުޙައްމަދުދީދީއެވެ.
 
ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީ އާއި ވާދޫ ގައްދަޑުގޭ ޙުސައިން މަނިކުފާނު ކައިވެނިކުރައްވައިގެން އުޅުއްވީ ވާދޫގައެވެ. މިދެމަފިރިކަނބަލުންނަށް އިބްރާހީމްދީދީ އަދި ކަތްދައިދީ (ޚަދީޖާދީދީ) ލިބިވަޑައިގަތެވެ. މިބޭފުޅުން ލިބިވަޑައިގަތްފަހުން ޙުސައިން މަނިކުފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް އޭނާގެ އެދިވަޑައިގަތުމަށް ދެން ފާޠިމާދީދީއާއި ކައިވެނިކުރެއްވީ ޙުސައިން މަނިކުފާނުގެ ކޮއްކޮ ގައްދަޑުގޭ ޢުސްމާނު މަނިކުފާނެވެ. ލިބިވަޑައިގަތީ ތުއްތުދީދީ (މަރިޔަމްދީދީ) ސަންފާދީދީ، އަދި މުޙައްމަދުދީދީ އެވެ. މިހާރު ފެންނަންއޮތް ވާދޫ ގައްދަޑުގެ ދަރިފަސްކޮޅުގެ ބޮޑުބަޔަކީ ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީއާއި ގައްދަޑުގޭ ދެ ބޭފުޅުންގެ  ދަރިފަސްކޮޅެވެ.
 
ގައްދަޑުގޭ ޢުސްމާނު މަނިކުފާނުގެ ތުއްތުދީދީ (މަރިޔަމްދީދީ)އަކީ ވާދޫ ތުއްތުކަތީބުގެ މުންނަ (ބައްޕަގެ މަންމަ)އެވެ. ޢުސްމާނު މަނިކުފާނުގެ  އިބްރާހީމްދީދީ ކައިވެނިކުރެއްވީ ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެދޫދީދީ (ހުޅެއްދީދި)އާއި ހަވަރުތިނަދޫ ދޮންޢަލިތަކުރުފާނު (ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ބައްޕައާއި ދެބެންގެ ދެދަރި) ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅުންގެތެރެއިން އާމިނާދީދީއާ އެވެ. އިބްރާހީމްދީދީ އާއި އާމިނާދީދީއަށް ލިބިވަޑައިގަތީ މުދިމް މުޙައްމަދުދީދީ، ގައްދަޑުގޭ ދޮންތުއްތުދީދީ(އ)، އަޙުމަދުދީދީ، ދޮންދީދީ އެވެ.
 
މުދިމް މުޙައްމަދުދީދީ އަށް ދެ ބަނޑަކުން ބޭފުޅުން ލިބިވަޑައިގަތެވެ. އާމިނާދީދީއާއި ކައިވެނިކުރައްވައިގެން ދޮންދީދީ އެވެ. ހަވަރުތިނަދޫ ވަލުގޭ ޙަސަންތަކުރުފާނުގެ ޢާއިޝާފާނާއި ކައިވެނިކުރައްވައިގެން އާމިނާދީދީ، އަޙުމަދުދީދީ އެވެ. ޑރ. ޢަލީ ލަޠީފުގެ މަންމައަކީ ފަހުން މިދެންނެވި އާމިނާދީދީ (އާމިނަތު މުޙައްމަދުދީދީ) އެވެ. ބައްޕައަކީ ގައްދަޑުގޭ ޢަބުދުﷲ ލަޠީފެވެ. އާމިނަތު މުޙައްމަދުދީދީ އާއި ކުރިން ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޙަސަން ހަބީބެވެ. އެ ކައިވެނިން ޙަބީބާ ޙަސަން ޙަބީބު ލިބިވަޑައިގަތެވެ.
 
ގައްދަޑުގޭ ދޮންތުއްތުދީދީ(އ) އާއި މުލަކު ދުޑޭރެ އަޙުމަދުދީދީ ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ ގައްދަޑުގޭ ދޮންދީދީ އެވެ. ދޫޑޭރެ އަޙުމަދުދީދީ އަކީ ޙާޖީ ބަންޑާރައިންގެ ފާމުލަދޭރިކިލެގެފާނުގެ އަޙުމަދުދީދީގެ ދޫޑޭރެ ޢަލިދީދީ، ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙުސައިންދީދީގެ ދޮންދީދީއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އާމިނާދީދީ، އިބްރާހީމް މަޖުދުއްދީންގެ ދޮންމަނިކުއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅެކެވެ.
  
ގައްދަޑުގޭ ދޮންތުއްތުދީދީ(އ) އާއި ގެދަރު ޢަލިމަނިކު ކާވެނިކުރައްވައިގެން މަރިޔަމްދީދީ ޑރ. އަޙުމަދު ލަޠީފު އަދި ޢަބުދުﷲ ލަޠީފު ލިބިވަޑައިގަތެވެ. 
 
ކުރިން ދެންނެވި ގައްދަޑުގޭ ދޮންތުއްތުދީދީ(އ)ގެ ދޮންދީއާއި ޝައިޚު ޢަބުދުﷲ ޒުހުރީ ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅަކީ އަޙުމަދު ޒާހިރެވެ. ޝައިޚު ޢަބުދުﷲ ޒުހުރީއަކީ ގައްދަޑުގޭ ޢުސްމާނު މަނިކުފާނުގެ އިބްރާހީމްދީދީ، ކޮނޑޭ ޢަލިމަނިކުފާނުގެ  ހުޅެއްދީދިގެ އާމިނާދީދީއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް  ދޮންދީދީއާއި، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެއްދީދިގެ ފާޠިމާދީދީއާއި މުލަކު މައިގެ ޙަސަން މާރާދަކަލޭގެފާނު ކައިވެނިކުރައްވައި ލިބިވަޑައިގަތް ޙުސައިންދީދީ (ފިޔޯރީ ތުއްތީދީ) ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ޢަބުދުﷲ ޒުހުރީ އެވެ. ދޮންދީދީ އާއި ޙުސައިންދީދީ (ފިޔޯރީ ތުއްތީދީ)ގެ އަޙުމަދު ޙުސައިންދީދީ، ޝައިޚު ޢަލީ ޙުސައިންދީދީ، އާމިނަތު ޙުސައިންދީދީ، ޢާއިޝަތު ޙުސައިންދީދީގެ ޢާއިލާވެސް އެބަ އޮތެވެ. ޙަސަން މާރާދަކަލޭގެފާނާއި ފާޠިމާދީދީ އަށް 5 ބޭފުޅުން ލިބިވަޑައިގެން ޢާއިލާ ހިނގާފައިވެއެވެ.
 
ގައްދަޑުގޭ ޙުސައިން މަނިކުފާނުގެ އިބްރާހީމްދީދީ، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެއްދީދިގެ އާމިނާދީދީއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އަޙުމަދުދީދީ، އައްޑޫ ޙަސަންދީދީގެ ސަންފާދީދީ އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ މުޙައްމަދު ރަޝީދު، ޢަބުދުލް ޢަޒީޒު، ޢަލީ މުޞްޠަފާ (ކުރީގެ އެމް.އީ.އެސްގެ ޕްރިންސިޕަލް) އަދި މަރިޔަމްދީދީ ލިބިވަޑައިގަތެވެ.
 
ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅުދޫދީދީ (ހުޅެއްދީދި)ގެ ޒުލޭޚާދީދީ އާއި ކައިވެނިކުރެއްވީ މީދޫ ގަނޑުވަރު ޙަސަންދީދީ އެވެ. ޙަސަންދީދީ އަކީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޢާއިޝާދީދީ އާއި މީދޫ ގަނޑުވަރު މުޙައްމަދު ތައްޚާނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންގެތެރެއިން ބޭފުޅެކެވެ. އަނެއް 3 ބޭފުޅުންނަކީ އަޙުމަދުދީދީ، ކަތްދާދީދީ، އަދި އާމިނާދީދީ އެވެ. 
 
މީދޫ ގަނޑުވަރު ޙަސަންދީދީ، ހުޅުދޫދީދީގެ ޒުލޭޚާދީދީ އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ފިޔޯރީ ދޮންދީދީ އާއި ކައިވެނިކުރެއްވީ ހުޅުދޫ ވާރުގޭ އަޙުމަދުދީދީ އެވެ. މި ދެމަފިރިކަނބަލުންނަށް މަރިޔަމްދީދީ، މުޙައްމަދުދީދީ، އާމިނާދީދީ، އިބްރާހީމްދީދީ، ކަތްދާދީދީ، ޙަސަންދީދީ ލިބިވަޑައިގަތެވެ.
 
ހުޅުދޫ ޢަބުދުﷲ ރަޝީދަކީ ފިޔޯރީ ދޮންދީދީގެ މަރިޔަމްދީދީގެ ބޭފުޅެކެވެ. 
  
ފިޔޯރީ ދޮންދީދީގެ މުޙައްމަދުދީދީގެ، މަރިޔަމްދީދީގެ ބޭފުޅަކީ ފިޔޯރީ އިރަމާގޭ ޢަބުދުﷲ ޙުސައިންދީދީ އެވެ. ޑރ. އިބްރާހީމްދީދީ (ޑރ.ޑީޑީ) އާއި ޝައިޚު މުޙައްމަދު ފާރޫޤަކީ މުޙައްމަދުދީދީގެ، ޒުލޭޚާދީދީގެ، އާމިނާދީދީގެ ބޭފުޅުންނެވެ. ޢަބުދުއްރަޝީދު ނާފިޒުމެންނަކީ މުޙައްމަދުދީދީގެ ރަޝީދާގެ ބޭފުޅުންނެވެ. 
 
ފިޔޯރީ ދޮންދީދީގެ ކަތްދާދީއާއި ދީދީގެ އެޅަދީދީގެ އިބްރާހީމްދީދީ އާއި ކައިވެނިކުރައްވައިގެން އަޙުމަދު އިބްރާހީމްދީދީ (ސަންދާނު އަހައްމައިދީ) މެން ބޭފުޅުން ލިބިވަޑައިގަތެވެ.
 
މުޙައްމަދުދީދީ (ކޫއްޑޫދީދީ) މެންނަކީ ފިޔޯރީ ދޮންދީދީގެ، ޙަސަންދީދީގެ، މަރިޔަމްދީދީގެ ބޭފުޅުންނެވެ.
 
ފިޔޯރީ ދޮންދީދީގެ އިބްރާހީމްދީދީ (އައްޑޫ ތުއްތީދި، ނުވަތަ ޝައިޚު އިބްރާހީމް ލުޠުފީ) ހިތަދޫ އެޅަދީދީގެ ފާތިމަތު ދީދީއާއި ކައިވެނިކުރައްވައިގެން މުޙައްމަދު އިބްރާހީމް ލުޠުފީ، ހިތަދޫ ގަނޑުވަރު ބެއްޔާގެ އިބްރާހީމް ދީދީގެ ޢާއިޝާދީދީއާއި ކައިވެނިކުރައްވައިގެން ފާޠިމަތު އިބްރާހީމް ލުޠުފީ، މާލޭ ކަންޒުދޮށުގޭ އަހުމަދުދީދީގެ ޢާއިޝާދީދީ އާއި ކައިވެނިކުރައްވައިގެން ސަމީރާ އިބްރާހީމް ލުޠުފީ، އަދި ހުޅުދޫ މުސްކުޅިއާގޭ އާމިނަތު ސުފައިދާ އާއި ކައިވެނިކުރައްވައިގެން ޑރ މުޞްޠަފާ ލުޠުފީ އާއި އަހުމަދު ލުތުފީ ލިބިވަޑައިގަތެވެ. 
(ނުނިމޭ)
ނޯޓް: މިލިޔުމަށް ގެންނަންޖެހޭ ޞައްޙަ އުނިއިތުރެއް ވާނަމަ އެކަން އަންގަވާދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

  މިލިޔުން ކިޔައިފައިވާ ޢަދަދު: 4558

ޚިޔާލުތައް 

 
0 #12 ޢ. ޙިލްމީ 2013-11-20 23:40
ޝަހުދީގެ ކޮމެންޓެއްގައި ލިޔުއްވައިފައިވާ ހުވަދުއަތޮޅު ނިލަންދޫގައި އޮންނަ ދަރިކޮޅާއި ރައީސް މައުމޫންގެ މުނިމާމަ ޢާއިޝާދީދީ އާއި ސީދާ ގުޅިވަޑައިގަތުމެއް ނެތެވެ. ނިލަންދޫގައި އޮންނަ އެދަރިކޮޅާއި ސީދާ ގުޅިވަޑައިގަތުން އޮތީ ރައީސް މައުމޫންގެ މުނިމާފަ ވިލިގިލީ ކަތީބު ދޮންމަނިކުފާނާއި އެއްބަނޑުއެއްބަފާ ދެ ބޭފުޅަކާއިއެވެ. މިދެންނެވި ދޮންމަނިކުފާނަކީ އޭނާގެ އަނބިކަނބަލުން (ރައީސް މައުމޫންގެ މުނިމާމަ) ޢާއިޝާދީދީގެ ބައްޕަ މުޙައްމަދުދީދީ(ތުއްކަލާގެދީދީ)އާއި ދެބެންގެދެދަރި ބޭފުޅެކެވެ. ދޮންމަނިކުފާނުގެ މަންމަ ޢާއިޝާދީދީގެ ބައްޕައަކީ ކޮނޑޭ ޢަލިމަނިކުފާނެވެ. ދޮންމަނިކުފާނުގެ އަނބިކަނބަލުން(ރައީސް މައުމޫންގެ މުނިމާމަ) ޢާއިޝާދީގެ ބައްޕަ މުޙައްމަދުދީދީގެ މަންމަ ދޮންދީދީގެ ބައްޕައަކީވެސް ކޮނޑޭ ޢަލިމަނިކުފާނެވެ.
 
 
0 #11 ޝަހުދީ 2013-11-20 01:24
އަލްއުސްތާޒު މައުމޫނު ޢަބުދުލްގައްޔޫމުގެ މަންމާފުޅުގެ މާމަ(އިބްރާހީމް މުޒުހިރުއްދީނު ރަސްގެފާނުގެ އަލްއަމީރު މުޙައްމަދުމަނިކުފާނުގެ އަންނަބީލު މޫސާމަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނު ކައިވެނިބެއްލެވި މުޙައްމަދު ޣިޔާސުއްދީނު ރަސްގެފާނުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އަންނަބީލާ ޢާއިޝަތުދީދީއާ ދެމަފިރިކަބަލުންގެ ދޮންދީދީގެ މުޙައްމަދުދީދީގެ ޢާއިޝަތުދީދީ)ގެ ބޭފުޅުންގެތެރެއިން ގއ. ވިލިގިލި ފިޔަވައި ގއ.ނިލަންދޫގައި އޮންނަ ދަރިކޮޅު މިލިއުމުން ސާފުވާން އެބައޮތްތޯއެވެ.
 
 
0 #10 ޢަބްދުﷲ ރަޝީދު 2012-06-25 15:05
ޝައިޚު އިބްރާހީމް ލުޠުފީ ހުޅުދޫން ކައިވެނި ބައްލަވައިގެންނެވި ބޭފުޅާގެ ނަން "މުސްކުޅިއާގެ އާމިނަތު ސުފައިދާ" މިގޮތަށް އޮތުމުން ކުށް ހުރި ކަމަށް ފެންނާތީ އެކަން ރަނގަޅު ކޮށްލެއްވުމަށް ދެންނެވީމެވެ. ރަނގަޅު ގޮތަކީ "މުސްކުޅިގޭ އާމިނަތު ސުފައިރާ" އެވެ.
 
 
0 #9 ލުޠުފީގެ ހޯއްދެވުމަކާމެދު... 2 2012-06-10 23:57
އިސްދޫ ދަރިކޮޅޭ މި ކިޔާ ދަރިކޮޅު ނިސްބަތްކުރުން އެންމެ އައުލާކަން ބޮޑީ ވަކި ރަށަކަށް ނިސްބަތްކުރާނަމަ ފުވައްމުލަކަށް ކަން ވަރަށް ސާފެވެ. އިސްދޫ ދަރިކޮޅޭ ކިޔެން އޮތީ ލުޠުފީ ވިދާޅުވާހެން އިސްދޫ ކުޑައިބީ ކަމަނާގެ ސަބަބުންނެވެ. މި ކުޑައިބީ ކަމަނައެއްގެ މަތިފުށް އެއްގޮތަކަށްވެސް އެނގޭކަށް ނެތެވެ. އެއާޚިލާފަށް މި ދަރިކޮޅުގެ 15 ވަރަކަށް ބޮޅު ނުވަތަ ކާފައިންނަކީ (އިސްދޫ ދަރިކޮޅުގެ ސުލްތާން އަލީގެ ބައްޕާފުޅު މުލަކު ދައިގަނޑު މާފަތްތަކުރުފާނު ނުވަތަ ކާފާފުޅު މުލަކު ދޮން އީސާ ޚަތީބާ ހަމައިން ފެށިގެން) ފުވައްމުލަކު މީހުންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. 15 ވަރަކަށް ޖީލާ އެއް ޖީލު ދެ ޖީލާ ހުރި ފަރަޤު ކިހައި ބޮޑުތޯއެވެ. މި ދަރިކޮޅު ފެށުނުކަމަށް ބުނެވެނީ ޔަމަނު ސުލައިމާނު ޤާދިރާ ހަމައިންކަން ފާހަގަކޮށްލަމެވެ. މި އުސޫލުން ބަލާނަމަ މި ދަރިކޮޅަށް ޔަމަނު ދަރިކޮޅޭ ވެސް ކިއިދާނެއެވެ. ނަމަވެސް ފުވައްމުލަކު ދަރިކޮޅޭ ކިޔުން ލާޒިމުކުރަނީ 15 ވަރަކަށް ކާފައިން ސީދާ ފުވައްމުލަކަށް ނިސްބަތްވާތީއެވެ. ފުވައްމުލަކުގެ ލެއާއި މި ދަރިކޮޅު ގުޅިފައިވާ މިންވަރަށް އެހެން އެއްވެސް ރަށެއްގެ ލެއާއި ގުޅިފައިވާ ކަމަށް އެނގެން ނެތުމުންނެވެ. ސުލައިމާނު ޤާދިރުގެ ކާފަ ދަރިކަލުން އީސާ ބިން ސޫރު ދިރިއުޅުނީ ފުވައްމުލަކު މީހަކާ އިނދެގެން ފުވައްމުލަކުގައި ކަމަށް ތާރީޚުން ހެކިލިބެން އެބައޮތެވެ. މި އީސާ ގާދިރުގެ ޔޫނުސް ގާދިރު މަރުވީ ފުވައްމުލަކުގައި ކަމާއި އަދި އޭނާގެ ޔޫސުފް ގާދިރު ނުވަތަ ޔޫސުފް ނާއިބު އެންމެ ފުރަތަމަ ކައިވެނި ކުރީ ފުވައްމުލަކު މީހަކާ ކަން ހުރިހާ ރިވާޔަތަކުން ވެސް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ޔޫސުފް ނާއިބުގެ ވެސް އުފަން ރަށެއްކަމަށް ފުވައްމުލަކު ކެޑޭރެ ވަނަވަރާއި ހަވާލާދީ އުސްތާޛު ލުތުފީ ބަޔާންކުރައްވަނީ ފުވައްމުލަކެވެ. ޔޫސުފް ނާއިބުގެ މައިންބަފައިންނަކީ ފުވައްމުލަކު މީހުން ކަމުގައި ވެސް ލުޠުފީ ލިޔުއްވައެވެ. (މިފަދައިން ލިޔުއްވާފައި އެވަނީ ކުރިން މި ދެންނެވި އުސޫލުން ޔޫސުފް ނާއިބުގެ ބައްޕަ އީސާ ފުވައްމުލަކުގައި ވަޒަންވެރިވެ ފުވައްމުލަކު މީހެއްގެ ގޮތުގައި ލޭބަލްޖެހިފައިވުމުން ކަމަށް ޤަބޫލުކުރެވެއެވެ.) ކޮންމެއަކަސް ފަހުން މީދޫގައި ދިރިއުޅުއްވާ އަވަހާރަވުމުން "މީދޫ ޔޫސުފް ނާއިބު"ގެ ނަމުން ފުވައްމުލަކަށް އުފަން މި ޔޫސުފް މަޝްހޫރުވީއެވެ. މި ޔޫސުފް ނާއިބަކީ ފުވައްމުލަކު މީހެއްކަމަށް ހެކި ލިބޭ އަނެއް ޕޮއިންޓަކީ އޭނާގެ ހުރިހާ ދަރިން ކަހަލަ ގޮތަކަށް މީދޫގައި ނުތިބެ ފުވައްމުލަކުގައި އުޅެފައިވާކަމެވެ. އިސްދޫ ދަރިކޮޅަކީ ޔޫސުފް ނާއިބުގެ ހޯދަޑު ހަސަން ޚަތީބުގެ ދަރިކޮޅެވެ. ކޮންމެއަކަސް ވަކި ރަށަކަށް ނިސްބަތް ކުރާ ނަމަ މި ދަރިކޮޅު ނިސްބަތްކުރުން އެންމެ އައުލާކަން ބޮޑީ އެ ރަށެއްގެ ލެޔާއި މި ދަރިކޮޅު އެންމެ ބޮޑަށް ގުޅިފައިވާކަމަށް އެނގެން އޮތް ފުވައްމުލަކާއެވެ. ޔަމަން ދަރިކޮޅު ކިޔުމަށް އަޅުގަނޑު ހިތްހަމަ ނުޖެހެނީ އެއީ ރާއްޖެއިން ބޭރު މިހާރު ވެސް އޮތް ޤައުމެއްގެ ނަމަކަށް ވެފައި ހުރާ ދަރިކޮޅަށް ފްރާންސް ދަރިކޮޅޭ ނުކިޔާ އޮތް އުސޫލުގެ މަތިންނެވެ. ހުރާ ދަރިކޮޅަކީ ފްރާންސުގެ ދޮން ލުއީގެ ދަރިކޮޅުކަމަށް މުހަންމަދު އަމީން ދީދީ ލިޔުއްވައެވެ. ކޮންމެއަކަސް ހުރާ ދަރިކޮޅު އަދި ދިޔަމިގިލީ ދަރިކޮޅަށް ނަންދެވުނު އުސޫލުން ބަލާނަމަ މި ދަރިކޮޅަށް ފުވައްމުލަކު ދަރިކޮޅޭ ކިޔެން ޖެހޭކަން މި ފައުޅުކުރެވޭ ޚިޔާލުގެ ފުރަތަމަ ބައިގައި އެވަނީއެވެ. އަޙްމަދުގެ ކޮމެންޓުގައި ވާހެން މި ދަރިކޮޅުތަކަށް އެންމެ ފުރަތަމަ އެނގެން އޮތް މީހާގެ ނަމުން ނަމަވެސް ނަންދިނުން އެއީ ރަނގަޅު ގޮތެކެވެ.
 
 
0 #8 ނަސީމް 2012-06-01 21:17
ހެޔޮ އެދޭ ފަރާތެއްގެ ނަމުގައި ކޮމެންޓް ކުރި ފަރާތަށް ދަންނަވާލާނީ ސީނާ ޒާހިރަކީ ޤާޟީ އިބްރާހީމް މަޖްދުއްދީނުގެ ދޮންމަނިކުގެ ދޫނޑޭރެ އަޙްމަދުދީދީގެ ދޮންދީދީގެ އަޙްމަދު ޒާހިރު ކަމެވެ. ދޫނޑޭރެ އަޙްމަދުދީދީއާ އެއްބަފާ ދޫނޑޭރެ ޢަލިދީދީ ނުވަތަ ދޮންމަނިކުގެ ޢަލީ ދީދީގެ ދަރިކޮޅެއް ނެތެވެ. ސީނާ ޒާހިރުގެ މަންމަ ދޮންދީދީ އާއި މަޝްހޫރު ޝާއިރު އަލީ މުސްތަފާ (ހިޒާރުގެ ރާގު) އަކީ ދެބެއިންނެވެ. "ނަންފުޅު މުޙައްމަދު މުޞްޠަފާ، ރަންއަކުރުގައި ކުލަގަދަވެފާ،
އަންގާލުމަށް ފަހުގައި އުފާ، ކަންތައް ވިޔޭ މާ ފަހިވެފާ." މިއީ އަލީ މުސްތަފާގެ ޅެމެކެވެ.
 
 
0 #7 އަޙުމަދު 2012-05-31 03:36
"ތާޜީޚީ ގޮތުން ސާބިތުކުރެވޭ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ގިނަ ދުވަސްތަކެއް ވަންދެން ޤަބޫލުކުރެވެމުން އައިސްފައިވާ ޤަބޫލުކުރެވުންތައް ބަދަލުނުކުރެވޭ ކަމުގައި ވަނީ ނަމަ ތާރީޚީ ހޯދުންތައް ހޯދުމުގެ ބޭނުމެއް ނެތެވެ."
އިސްދޫ ދަރިކޮޅުގެ ފެށުން އެންމެދުރުން އެގެނީ ފުވައްމުލަކާއި ހަމައިންނެވެ. އެހިސާބުން ބަލާނަމަ އޮންނަންޖެހެނީ "ފުމައްމުލަކު ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ" މިގޮތަށެވެ. މިއީ މިހާރު ތިޔަ ވިދާޅުވިގޮތަށް ބަދަލުކުރަންވެއްޖެ އުޞޫލެކެވެ. އެހެންނޫނީ ވަކިރަށަކަށް ނިސްބަތްނުކޮށް މިވެނިމީހެއްގެ ދަރިކޮޅޭ ނުވަތަ ޢާއިލާއޭ ކިޔުން ރަގަޅެވެ. އެހެން މިދެންނެވީ އެންމެދުރުން އެގޭ މީހާއަށްވުރެ ނޭގޭ މީހަކު އެއަށްވުރެ ދުރުގައި ހުރެދާނެއެވެ. އެހެންވުމުން އިންޞާފަކަށްވަނީ ރަށަކަށް ނިސްބަތްނުކޮށް މީހަކަށް ނިސްބަތްކުރުމެވެ.
 
 
0 #6 ލުޠުފީގެ ހޯއްދެވުމަކާމެދު... 2012-05-30 08:59
އިސްދޫ ދަރިކޮޅަކީ ޙަޤީޤަތުގައި ފުވައްމުލަކު ދަރިކޮޅެއް ކަމަށާއި މި ދަރިކޮޅަށް އިސްދޫ ދަރިކޮޅޭ ކިޔެން ޖެހުނީ އިސްދޫ ކުޑައިބީ ކަމަނާގެ ސަބަބުން ކަމުގައި ލުޠުފީ ލިޔުއްވާފައި އެބައޮތެވެ. ލުޠުފީގެ ލިޔުމުން އެނގެނީ ޙަޤީޤަތުގައި މި ދަރިކޮޅަށް ކިޔެން ޖެހެނީ ވެސް ފުވައްމުލަކު ދަރިކޮޅުކަމެވެ. ވަރަށް އިންސާފުވެރިކަމާއެކު ފާޅުކުރައްވާފައި އޮތް ފުރިހަމަ ޚިޔާލުފުޅެކެވެ. ހުރާ ދަރިކޮޅަށް ހުރާ ދަރިކޮޅޭ ކިޔުނު އުސޫލުން ނުވަތަ ދިޔަމިގިލީ ދަރިކޮޅަށް ދިޔަމިގިލީ ދަރިކޮޅޭ ކިޔުނު އުސޫލުން ބަލާކަމަށް ވަންޏާ ޙަޤީޤަތުގައި އިސްދޫ ދަރިކޮޅަށް ކިޔެން ޖެހޭނީ ފުވައްމުލަކު ދަރިކޮޅުކަން ޔަޤީނެވެ.

ހުރާ ދަރިކޮޅުގެ ރަސްކަން ފެއްޓެވި ދޮން ބަންޑާރައިންނަކީ މާލެއަށް އުފަން ބޭފުޅެކެވެ. މި ރަދުންގެ ބައްޕާފުޅަކީ ވެސް މާލެއަށް އުފަން އެދުވަސްވަރުގެ ވަޒީރެކެވެ. ކާފާފުޅަކީ ވެސް މާލެއަށް އުފަންވިކަމަށް ބެލެވޭ ހަމަ ޔަޤީނުންވެސް މާލޭގައި އުޅުއްވި ބޭފުޅެކެވެ. މަންމާފުޅަކީ މުލަކަތޮޅު މުއްޔަށް ނިސްބަތްވާ އާއިލާއެއްގެ މާލެއަށް އުފަން ބޭކަނބަލެކެވެ. ކަން މިހެން އޮވެމެ ހުރާ ދަރިކޮޅޭ ކިޔުނު އުސޫލުން ބަލާކަމަށްވަންޏާ އިސްދޫ ދަރިކޮޅަށް ވެސް ކިޔެން ޖެހެނީ ފުވައްމުލަކު ދަރިކޮޅުކަން ޔަޤީނެވެ.

ދިޔަމިގިލީ ދަރިކޮޅަށް ބަލައިލާއިރު މި ދަރިކޮޅު ފެށެނީ މުޡައްފަރު އިމާދުއްދީނާ ހަމައިންނެވެ. ދިޔަމިގިލީ މީހަކަށް ވަނީ މި ރަދުންގެ ކާފާފުޅެވެ. ބައްޕާފުޅަކީ ވެސް މާލޭގައި އުޅުއްވި ވަޒީރެކެވެ. އިސްދޫ އަލި ރަސްގެފާނުގެ ކާފާފުޅަކީ 4 މަތިފުށުން ފުވައްމުލަކު މީހެއްކަން ފާހަގަކޮށްލަމެވެ. ބައްޕާފުޅަކީ ވެސް ފުވައްމުލަކަށް އުފަން ބޭފުޅެއްކަމަށް ހެކި ލިބެއެވެ. އެހެންކަމުން ބަޔާންވެދިޔަ ދެ ހާލަތަށްވުރެ މި ޙާލަތުގައި ފުވައްމުލަކު ދަރިކޮޅުގެ ގޮތުގައި ނަންދިނުން މާ އައުލާކަން ވެސް ބޮޑެވެ. ކުރިން ދެންނެވިފަދައިން ހުރާ ދަރިކޮޅު ވެސް ސީދާ ކ. ހުރައާ ހަމައަށް ދަނީ ދޮން ބަންޑާރައިންގެ މުނިކާފާފުޅާ ހަމައިން ވިއްޔާއެވެ.

ދިވެހިރާއްޖޭގައި ރަސްކަން ކުރި ދަރިކޮޅުތަކަށް ނަންދިން ފަރާތެއްކަމަށް އެނގެން އޮތީ ރާއްޖެއަށް ވެސް ނިސްބަތްނުވާ އެޗް.ސީ.ޕީ ބެލްއެވެ. ބެލް މި ދަރިކޮޅުތަކަށް ނަންދެއްވީ އެދުވަސްވަރު ތާޖުއްދީނުގެ ތާރީޚުންނާއި ރާދަވަޅިން އެނގެން ހުރި މައުލޫމާތުތަކަށް ބިނާކޮށެވެ. ތާޜީޚު ދީބާ މަހަލް އަދި ރާދަވަޅި ފަދަ އިހުގެ ލިޔުންތަކުގައި އިސްދޫ ދަރިކޮޅުގެ ތަފްސީލަކަށް ގޮސްފައެއްނުވެއެވެ. ހަމައެކަނި އިސްދޫ ވެލާނާތަކުރުފާނުގެ އަލިރަސްގެފާނޭ ވިދާޅުވުމުން ފުއްދަވާލައްވާފަ އޮތީއެވެ.

އެހެންކަމުން އެޗް.ސީ.ޕީ ބެލްއަށް އިސްދޫ ދަރިކޮޅާ ބެހޭ ތަފްސީލުތައް އެނގިވަޑައިގެންފައި ނެތީއެވެ. ތާޖުއްދީނުގެ ތާރީޚު ދީބާ މަހަލްގައި "އިސްދޫ ވެލާނާ ތަކުރުފާނު" އާ ހަމައިން ދަރިކޮޅު ފަށާފައި އޮތުމުން އެއީ އިސްދޫ ބޭފުޅެއްކަމަށް ނިންމަވާ އިސްދޫ ދަރިކޮޅުގެ ނަމުން ނަންދެއްވީއެވެ. ނަމަވެސް އުސްތާޛު ލުޠުފީ ބަޔާންކުރައްވާފައިވާ ޙަޤީޤަތަކީ މި ވެލާނާ ތަކުރުފާނަކީ ފުވައްމުލަކު ބޭފުޅެއްކަމެވެ. ވެލާނާކަން ލިބުމުގެ ކުރީގައި ފުވައްމުލަކު ދައިގަނޑު މާފަތްތަކުރުފާނުކަމެވެ. ކަމުގެ ބާވަތުން ލުޠުފީ ވިދާޅުވެފައިވާ އެހެން ވާހަކައެއް ވެސް ދަންނަވާލާނަމެވެ. "ތާޜީޚީ ގޮތުން ސާބިތުކުރެވޭ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ގިނަ ދުވަސްތަކެއް ވަންދެން ޤަބޫލުކުރެވެމުން އައިސްފައިވާ ޤަބޫލުކުރެވުންތައް ބަދަލުނުކުރެވޭ ކަމުގައި ވަނީ ނަމަ ތާރީޚީ ހޯދުންތައް ހޯދުމުގެ ބޭނުމެއް ނެތެވެ."
 
 
0 #5 ޢަބުދުﷲ ޙިލްމީ 2012-05-30 06:01
އިބްރާހީމްދީދީ ވިދާޅުވިނަމަ، ވިދާޅުވިގޮތަށް އެ ކޮމެންޓް ލިޔުއްވި ފަރާތުން ނުލިޔުއްވުނީ ދޮގެއްތޯ އެވެ. ވިދާޅުވާނީ "ކަތްދާ މަނިކުފާނަކީ ރަހާގެ ބޭފުޅެއް" ކަން އެނގޭ ގޮތަށެވެ.

އިބްރާހީމްބޭބެ އަރިހަށް ނުދެވޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ދިޔަ ދުވަހެއްގެ ހަނދުމަފުޅެއް ވެސް އޭނާ ނުހުންނާނެހާ ގިނަ ދުވަސްތަކެވެ. އިބްރާހީމްބޭބެ ޢާއިލާގައި އަޅުގަނޑަށްވުރެ މިކަމަށް ޤާބިލް ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އެ ބޭފުޅުން އެކަމާއި އުޅުއްވާނެ އެވެ. އެކަމަކު އަރިހަށް ދެވިއްޖެނަމަ . . . . . . .
-----------------------------------------------------------------------------------------------
އ.ނ އަކީ މަސައްކަތުގެ ގޮތުން ވެސް އަޅުގަނޑާއި ގާތް ބޭފުޅެކެވެ. އަދި ބައެއް ބޭފުޅުންގެ ކޮމެންޓްތަކަށް ބަލާއިރު އ.ނ އާއި އަޅުގަނޑާއި އަދި މާ ބޮޑު އެހެން "ގާތްކަމެއް" އެބަ އޮތްކަން އެނގިވަޑައިގަންނަވާނެ އެވެ. 7497279 ފޯނާއި ގުޅާލެއްވުމުން އަޅުގަނޑާއި ބެހޭ މަޢުލޫމާތު އެނގިވަޑައިގެންފާނެ އެވެ.
 
 
+1 #4 އ. ނ 2012-05-29 11:15
ޙިލްމީގެ މި މަސައްކަތަށް ތަޢުރީފު ކުރަމެވެ. އަޅުގަނޑުމެންނަކީ ވެސް ނަސަބުގެ އިލްމުގެ މަސައްކަތްތައް ކުރާ ބަޔަކީމެވެ. އިސްދޫ، ދިޔަމިގިލި، ހުރާ، ބޮޑު ފަނޑިޔާރު ދަރިކޮޅުގެ ވަރަށް ގިނަ މަޢުލޫމާތު އެބަހުށްޓެވެ. އެހެންވީމާ ޙިލްމީއާ ބައްދަލުކޮށް ވާހަކަ ދައްކައިލަން ވަރަށް ބޭނުމެވެ. ޙިލްމީގެ ނަންބަރު ލިބޭތޯ ވެސް މަސައްކަތްކޮށްފީމެވެ. ވީމާ ޙިލްމީއާ ގުޅޭނެ ގޮތެއް އަންގަވައިދެއްވުން އެދެމެވެ.
 
 
+1 #3 އިބުރާހިމްދީދީ 2012-05-29 09:05
ހަވަރުތިނަދޫކަތީބު ހުސޭންދީ، (އޮޅަދީދިކަތީބު) އެއްބަޑުއެއްބަފާގައި އިންނެވި އެއްދައްތައަކީ ހިލްމީގެބައްޕަ (ތުއްތުބޭ) ހަސަންހިލްމީގެ މަންމަ ދޮންދީދިއެވެ. ހިލްމީ ތިމަސައްކަތަށް ތިހާބޮޑަށްވެންނެވުނީ މީދޫގެ ސަބަބުންކަމަށް އަޅުގަޑަށްހީވެއެވެ. ވަކި މީދޫއަށްވާތީ ނޫނެވެ. މީދޫ ބޭފުޅުން އެކަމާއި އުޅުއްވަނީއެވެ. ތުއްތުބޭގެ ބައްޕައަކީ މީދޫ ކަތްދާމަނިކުފާނުގެ މޫސާމަނިކުފާނުގެ އަލިމަނިކުފާނުއެވެ. ކަތްދާމަނިކުފާނަކީ އައްޑޫއަލިރަސްގެފާނުގެ ހަސަންމަނިކުފާނު (ރަސްގެފާނު)ގެ އިބުރާހިމްމަނިކުފާނުގެ ހަސަންމަނިކުފާނުގެ މުހައްމަދުމަނިކުފާނުގެ ރަހާއެވެ. މިކަތްދާމަނިކުފާނާއި އެއްބަޑުއެއްބަފާ ހުސޭންމަނިކުފާނުގެ ފާތުމާދީގެ އަހައްމައިދީގެ އިބުރާހީމްދީއަކީ ހިލްމީގެ އިބުރާހިމްބެއެއް ނޫންތޯއެވެ. މީދޫ ސޭހުގޭ އިބުރާހިމްދީއެވެ. ތިމަސައްކަތުގައި އަރާހުންނެވި ބޭފުޅެކެވެ. އޭނަގެ އަތްޕުޅުގައި އެގޭގައި ވަރަށްގިނަ މަޢުލޫމާތު ހުންނާނެއެވެ. ކިލެގެފާނުގެ ފަތްކޮޅުގެ ލިޔުމެއްވެސްނެތްކަމެއް ނޭގެއެވެ. ހިލްމީ ތިކަމާއިއުޅުއްވިލެއް ތަންކޮޅެއްފަސްވީއެވެ. އެކަމަކު ހިތްވަރުކުރައްވާށެވެ. ކާމިޔާބުލިބޭނެއެވެ.
 

ޚިޔާލު ފޯމު

  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator

މި ލިޔުންތެރިޔާގެ ލިޔުންތައް

މި ވަގުތު އޮންލައިންގައި

 182 ކިޔުންތެރިން 

ބަސްފޮތުން

ހަނުއެނބުރުން [މަޖާޒު] ގައިގައި ތަޅައިގަތީމާ ބިންމައްޗަށް ވެއްޓި އެނބުރުން.
ލިޔުންތައް ކިޔައިފައިވާ ޖުމްލަ ޢަދަދު : 5063611

އެންމެފަހުގެ ޚިޔާލުތައް