އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (6) Print E-mail
ކިޔުންތެރިން ދެކޭގޮތް: / 3
ދެރަވަރަށް ރަނގަޅު 
ތާރީޚާއި ސަގާފަތު - ދިވެހި ތާރީޚު
އާދީއްތަ, 10 ޖޫން 2012 00:00
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
 (28 މެއި 2012 (ހޯމަ) ގުޅޭ)
----------------------------------------------------------------- 
މިސިލްސިލާއަށް ލިބުނު އެންމެބޮޑު ކުރިއެރުމަކީ މިބައިތައް ޕްރިންޓް މީޑިއާ މެދުވެރިކޮށް ފޮތެއްގެ ސިފައިގައި ނުނެރި އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ނެރުނުކަމެވެ. އެހެންވުމުން މިބައިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތާއި އިތުރު ހޯދުންތަކުގެ ވަނަވަރުތައް ލިބެމުންދާ ވަރަކުން ދައްޗެއް ނެތި މިބައިތަކުގައި އިތުރަށް ހިމަނަމުން ގެންދެވެއެވެ. ފޮތެއްގެ ސިފައިގައި ނެރުނުނަމަ އެކަމެއް ނުވީހެވެ. 
 
މިސިލްސިލާއަށް ކޮންމެހެން ބޭނުންވާނޭ ކަމަށް ހެޔޮއެދޭ ފަރާތްތަކުންނާއި މިޢާއިލާގެ ބައެއް ފަރާތްތަކުން ކޮމެންޓާއި އަދި ފޯނުން އަންގަވަމުން ގެންދަވާ ކަންކަމުގެ ރަނގަޅު ނުރަނގަޅު ބަލައި ސައިޓުގެ އެޑްމިންއާއި ގުޅިގެން އެކަންކަން މިހާރު ފެންނަން އެހުރި މި ސިލްސިލާގެ ބައިތަކުގައި ހިމަނަމުން (އަޕްޑޭޓް ކުރަމުން) ގެންދާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިސިލްސިލާގެ ބައިތަކުގައި ހުރި ދަރިފަސްކޮޅުގެ ބައެއް ވަނަވަރުތަކަކީ ދިޔަމިގިލީ ދަރިކޮޅާއި އެނޫންވެސް ބައެއް ދަރިކޮޅުތަކާއި ގުޅުންހުރި ވަނަވަރުތަކެވެ.
 
މިސިލްސިލާއަށް ޝައުޤުވެރިކަން ބަހައްޓަވާ ފަރާތްތަކުން މިސިލްސިލާގެ މިހާތަނަށް ނެރެފައިވާ ބައިތަކަށް އަންނަ އަޕްޑޭޓް ބައްލަވަމުން ގެންދެވުން ރަނގަޅެވެ. އެބައިތައް ޑައުންލޯޑް ކުރައްވައި ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން އަދި އެކަން ނުކުރައްވައި މަދު ދުވަސްތަކަކަށް މަޑުކޮށްލެއްވުމަކީ އެދެވިގެންވާ ކަމެކެވެ. އަޕްޑޭޓްވަމުން (އިތުރުބައިތައް) ލިބެމުންދާތީއެވެ.
 ----------------------------------------------------------------
 
ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީ އާއި ވާދޫ ގައްދަޑުގޭ ޢުސްމާނު މަނިކުފާނާއި ކައިވެނިކުރައްވައި ލިބިވަޑައިގަތް ސަންފާދީދީގެ ޙަސަންދީދީގެ އާމިނާދީދީ އާއި ކައިވެނިކުރެއްވީ، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ މާވާ ކިލެގެފާނުގެ އޮޅަދީދީގެ މޫސާދީދީގެ ޙަސަންދީދީ އެވެ. ވާދޫ ފިނިފެންމާގޭ މުދިމް ތުއްތުދީދީ އާއި ޢަލިދީދީ އަކީ މި ޙަސަންދީދީ އާއި އާމިނާދީދީގެ 2 ބޭފުޅެކެވެ. މުދިމް ތުއްތުދީދީގެ ބޭފުޅުންނަކީ އަޙުމަދު ނަޞީރު، މުޙައްމަދު ސަޢީދުދީދީ، ޒުބޭދާ، ދޮންދީދީ އެވެ. އަޙުމަދު ނަޞީރު ވަޒަންވެރިވެ ހުންނެވީ އައްޑުއަތޮޅު ހިތަދޫގައެވެ. އެހެން ބޭފުޅުން މިވަގުތު ތިއްބެވީ މާލޭގައެވެ. ޢަލިދީދީގެ އާމިނާދީދީގެ ބޭފުޅުންނަކީ ފާޠިމާދީދީ އާއި މަރިޔަމްދީދީ އެވެ. 
 
ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީ އާއި ވާދޫ ގައްދަޑުގޭ ޢުސްމާނު މަނިކުފާނާއި ކައިވެނިކުރައްވައި ލިބިވަޑައިގަތް  އިބްރާހީމްދީދީގެ މުޙައްމަދުދީދީ (މުދިމް މުޙައްމަދުދީދީ)ގެ ދޮންދީދީއަކީ، ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ ޙައްވާދީދީގެ ޙަސަންދީދީގެ އާމިނާދީދީއާއި، މުދިމް މުޙައްމަދުދީދީ ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. މިދޮންދީދީ އާއި ތުއްތުދީދީ ކައިވެނިކުރައްވައިގެން ނަފީސާ، ރަޙުމަތު، ޢަދުނާނު (ކުރީގެ އެމް.އީ.އެސް އެސިސްޓެންޓް ޕްރިންސިޕަލް) ނިޒާރު ލިބިވަޑައިގަތެވެ.
 
ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ ޙައްވާދީދީގެ ޙަސަންދީދީގެ ޢަލީ ލުޠުފީ ފިޔަވައި އެހެން ބޭފުޅުންކަމަށްވާ ޢަބުދުލްމަޖީދު، ޢަބުދުﷲ ދީދީ، ސަންފާދީދީ، ފާޠިމާދީދީ، އާމިނާދީދީގެ ޢާއިލާގެ ގިނަ ބޭފުޅުން ކުރިން އުޅުއްވީ ވާދޫގައެވެ. ޢަލީ ލުޠުފީގެ ޢާއިލާ ފިޔޯރީގައެވެ.
 
ކޮނޑޭ ޢަލިމަނިކުފާނާއި ޢާއިޝާދީދީގެ ދަރިކަނބަލުން ދޮންދީދީ (ކޮނޑޭދީދީ) އާއި، ދެއްވަދޫ ގަނޑުވަރު ޙަސަންމަނިކުފާނު (ތުއްކަލާ) ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅުންގެތެރެއިން ޙަސަންދީދީ، ކައިވެނިކުރެއްވީ ދޮންދީދީ (ކޮނޑޭދީދީ)ގެ ބޭބެ މުޙައްމަދުދީދީ (ތުއްކަލާދީދީ)ގެ ދޮންދީދީގެ ދެއްވަދޫ ގަނޑުވަރުދީދީ(އ)ގެ ތުއްތުދީދީއާ އެވެ. ލިބިވަޑައިގަތީ ކަތީބުދީދީ، ދޮންޢަލިދީދީ، ޢަބުދުﷲ ދީދީ، ދަލޭކާދީދީއެވެ. ޢަބުދުﷲ މުޙައްމަދުދީދީ (ވާދޫ ތުއްތުކަތީބު) އަކީ ކަތީބު ދީދީގެ ބޭފުޅެކެވެ.
 
ވާދޫ ފިޔާތޮށިގޭ ތުއްތުދީދީ އަކީ ދޮންޢަލިދީދީގެ ބޭފުޅެކެވެ. ތުއްތުދީދީގެ ބޭފުޅުންނަކީ އަޙުމަދުދީދީ، މުޙައްމަދުދީދީ، މަރިޔަމްދީދީ، ދޮންދީދީ، ޢާއިޝާދީދީ އެވެ.
 
ޢަބުދުﷲ ދީދީ ކައިވެނިކުރެއްވީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ ޙައްވާދީދީގެ އަޙުމަދުދީދީގެ ފާޠިމާދީދީއާ އެވެ. ލިބިވަޑައިގަތް ބޭފުޅުންނަކީ ވާދޫ ގަނޑުވަރު މުޙައްމަދުދީދީ، ޢަލިދީދީ، އަޙުމަދުދީދީ، އިބްރާހީމްދީދީ އެވެ. ގަނޑުވަރު މުޙައްމަދުދީދީ ވަޒަންވެރިވެ ހުންނެވީ މުލަކަތޮޅު ނާލާފުށީގައެވެ. އެހެން ބޭފުޅުންގެ ޢާއިލާ ވާދޫގައިވެސް އެބަ އޮތެވެ.
 
ދެއްވަދޫ ގަނޑުވަރުދީދީގެ ކޮއްކޮ ޒަކަރިއްޔާދީދީ ހައްދުންމަތީގައި އުޅުއްވުމަށްފަހު އެނބުރި އަތޮޅަށް ވަޑައިގެން ދެއްވަދޫ ދެކުނު ގަނޑުވަރު ކައްތާދީދީ އާއި ކައިވެނިކުރައްވައި ދަލޭކާދީދީ، ސަންފާދީދީ، ތުއްތުދީދީ ލިބިވަޑައިގަތެވެ. ދަލޭކާދީދީގެ ޗިޗަންޑާގޭ ޢާއިޝަތުދީދީގެ ބޭފުޅުންނަކީ ފާޠިމަތު ވަޙީދާ އާއި ޢަލީ ވަޙީދާއި އަޙުމަދު ޤާސިމެވެ.
 
ސަންފާދީދީގެ ބޭފުޅުންނަކީ އަޙުމަދުދީދީ އާއި ޢަލިދީދީ އާއި އިބްރާހީމްދީދީ އެވެ. ފިލްމު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ މަންމައަކީ މި އިބްރާހީމްދީދީގެ ފާޠިމާދީދީއެވެ. މުޙައްމަދުދީދީގެ ބޭފުޅަކީ ޙުސައިންދީދީ އެވެ.
 
ގައްދަނޑުގޭ ޙުސައިން މަނިކުފާނުގެ ކަތްދާދީދީއާ ކައިވެނިކުރެއްވީ ހުޅެއްދީދި (ހުޅުދޫދީދި)ގެ މުޙައްމަދުދީދީއެވެ. ދެބޭފުޅުން ލިބިވަޑައިގަތެވެ. ސަންފާދީދީއާއި ޢާއިޝާދީދީއެވެ. ސަންފާދީދީއާއި ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ މުޙައްމަދުދީދީ އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ބޭފުޅަކީ އިބްރާހީމްދީދީ (އިބްރާހީމް ޢަފީފު) އެވެ. ޢަފީފުގެ ޢާއިލާވަނީ ބ.އަތޮޅުގައެވެ.
 
ޢާއިޝާދީދީއާއި ކައިވެނިކުރެއްވީ އައްޑޫ ޙަސަންދީދީއެވެ. ލިބިވަޑައިގަތީ އާމިނާދީދީ، ސަންފާދީދީ، ފާޠިމާދީދީ، ޢަބުދުﷲ ދީދީ، ޢަލީލުޠުފީ، ޢަބުދުލް މަޖީދެވެ. ފާޠިމާދީދީގެ ޢާއިލާ ނެތެވެ. އެހެން ބޭފުޅުންގެ ޢާއިލާ އެބަ އޮތެވެ. (އައްޑޫ ޙަސަންދީދީއަކީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ ޙައްވާދީދީގެ ބޭފުޅެކެވެ.)
 
ގައްދަޑުގޭ ޢުސްމާނު މަނިކުފާނާއި ދެއްވަދޫ ބޮޑުގަނޑުވަރު ފާޠިމާދީދީގެ ސަންފާދީދީއާއި ކައިވެނިކުރެއްވީ ފަރެހު ބެއްޔާގެ މޫސާދީދީގެ ޙަސަންދީދީއެވެ. ލިބިވަޑައިގަތީ އާމިނާދީދީ، ތުއްތުދީދީ(އ)އެވެ. ތުއްތުދީދީއާއި ކައިވެނިކުރެއްވީ އައްޑޫ އަޙުމަދުދީދީއެވެ. (އައްޑޫ އަޙުމަދުދީދީއަކީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ ޙައްވާދީދީގެ ބޭފުޅެކެވެ.)
 
ތުއްތުދީދީ(އ) އާއި އަޙުމަދުދީދީގެ ބޭފުޅުންނަކީ ޢާއިޝާދީދީ، އާމިނާދީދީ، ފާޠިމާދީދީ، ސަންފާދީދީ، މަރިޔަމްދީދީ، ދޮންދީދީއެވެ. މި ޢާއިޝާދީދީއަށް ގާތްކޮށްލެއްވުމުގެ ނަމަކަށް އައިސާރަނާ ކިޔައެވެ.
 
ޢާއިޝާދީދީއާއި ކައިވެނިކުރެއްވީ ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ ފާޠިމާދީދީގެ ޢަބުދުﷲ ދީދީއެވެ. ދިވެހިރާއްޖޭގެ އަޑުގެ މަޝްހޫރު ޕްރެޒެންޓަރ ޢަލީ ޢަބުދުﷲ އަކީ ޢާއިޝާދީދީއާއި ޢަބުދުﷲ ދީދީގެ ބޭފުޅެކެވެ.
 
ތުއްތުދީދީ(އ) އާއި އަޙުމަދުދީދީގެ ފާޠިމާދީދީއާއި ކައިވެނިކުރެއްވީ ވާދޫ ގަނޑުވަރު ޢަބުދުﷲ ދީދީ އެވެ. ގަނޑުވަރު ޢަބުދުﷲ ދީދީއަކީ ޢުސްމާނުމަނިކުފާނުގެ ތުއްތުދީދީ(މަރިޔަމްދީދީ)އާއި ދެއްވަދޫ ގަނޑުވަރު ޙަސަންދީދީއާއި ކައިވެނިކުރައްވައި ލިބިވަޑައިގަތް ބޭފުޅެކެވެ. ޢަބުދުﷲ ދީދީއާއި އެއްބަނޑު އެއްބައްޕަ ބޭފުޅުންނަކީ ކަތީބު މުޙައްމަދުދީދީ، ދޮންދީދީ، ދޮންޢަލިދީދީއެވެ. ގަނޑުވަރު ޢަބުދުﷲ ދީދީގެ ބޭފުޅުން މީގެކުރިން ލިޔެފައިވެއްޖެއެވެ. 
 
ދެއްވަދޫ ގަނޑުވަރުދީދީ(އ)ގެ އިބްރާހީމްދީދީ އާއި މުޙައްމަދުދީދީގެ ޢާއިލާވަނީ ދެއްވަދޫގައެވެ.
 
ގަނޑުވަރުދީދީ(އ)ގެ އިބްރާހީމްދީދީ، މަރިޔަމްދީދީ އާއި ކައިވެނިކުރައްވައި ފާޠިމާދީދީ، ކައްދާދީދީ، ތުއްތުދީދީ(އ)، ސަންފާދީދީ ލިބިވަޑައިގަތެވެ.
 
ތުއްތުދީދީ(އ)ގެ އިބްރާހީމްދީދީގެ އަޙުމަދުދީދީ (އަޙުމަދުކަލޯ) އަކީ ގެމަނަފުށީ އޯކިޑްމާގެ އިލްހާމް އަޙުމަދުގެ ބައްޕައެވެ. ތުއްތުދީދީ(އ)ގެ ފާޠިމަތުދީދީގެ ބޭފުޅުންނަކީ އާމިނަތު ސަޢީދާ، ޙުސައިން ތައުފީޤު، ޢަބުދުﷲ ފަހުމީއެވެ. 
 
ސަންފާދީދީގެ ޙަސަންދީދީގެ މުޙައްމަދު މުނީރު (މުޙައްމާކަތީބު) އަކީ ދެއްވަދޫގެ ކުރީގެ އިސް ކަތީބެކެވެ. މުޙައްމަދު މުނީރުގެ ޢާއިލާ އެބައޮތެވެ.
 
ފާޠިމާދީދީ އާއި ވާރުގޭ އަޙުމަދުދީދީ ކައިވެނިކުރައްވައި މުޙައްމަދުދީދީ މަރިޔަމްދީދީ ޢަބުދުﷲ ދީދީ ޙައްވާދީދީ ކަތްދާދީ (ޚަދީޖާ އަޙުމަދު) ލިބިވަޑައިގަތެވެ.
 
މުޙައްމަދުދީދީގެ ޢަބުދުލް ޤާދިރަކީ ދެއްވަދޫ ފަހުގެ ބޮޑުކަތީބު މުޙައްމަދުދީދީގެ ބައްޕައެވެ.
 
ޢަބުދުﷲ ދީދީގެ އިބްރާހީމް ރަޝީދަކީ ދެއްވަދޫ މާވެޔޮދޮށުގޭ ޑރ. އަޙުމަދު ޝަމްހީދުގެ ބައްޕައެވެ.
 
ދެއްވަދޫ ގަނޑުވަރުދީދީގެ މުޙައްމަދުދީދީ، އާމިނާދީދީ އާއި ކައިވެނިކުރައްވައިގެން އިސްމާޢީލްދީދީ، ކުއްދީދީ، ޢާއިޝާދީދީ، ދޮންހުތާ ލިބިވަޑައިގަތެވެ. ދެއްވަދޫ ކުރީގެ އިސް ކަތީބެއްކަމަށްވާ ޢަލިދީދީ އަކީ ދޮންހުތާގެ ބޭފުޅެކެވެ.
 
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީ އާއި ޒައިނަބުދީދީގެ ޢާއިލާ އެބަ އޮތެވެ. މުޡުހިރުއްދީން ރަދުންގެ ޢާއިލީ ޗާޓު ތައްޔާރު ކުރެއްވުމަށް މަސައްކަތްކުރެއްވި ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ އަށް ޢާއިލާގެ މަޢުލޫމާތު ދެއްވި އެއް ބޭފުޅަކީ ޢުމަރުދީދީގެ އިބްރާހީމްދީދީގެ އިސްމާޢީލްދީދީގެ ކޮނޑޭ ދާރުއްސަލާމް އިބްރާހީމް އިސްމާޢީލްދީދީ އެވެ. ޙަސަން ޒަރީރު، މުޙައްމަދު އިބްރާހީމް، ފާޠިމަތު ސަޢާދާ، އިސްމާޢީލް ރަމީޒަކީ ދާރުއްސަލާމް އިބްރާހީމް އިސްމާޢީލް ދީދީގެ ބޭފުޅުންނެވެ.
 
ކޮނޑޭ ޢަލިމަނިކުފާނުގެ ޒައިނަބުދީދީ މާލޭ ތޮއްޑޫ ޢަލިމަނިކާއި ކާވެނިބައްލަވައިގެން މިދެކަނބަލުންގެ ބޮޑު ދަރިކޮޅެއްވެސް އުފެދިފައިވާކަމަށް މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވެއެވެ. މީގެ އަހަރުތަކެއްގެ ކުރިންނާއި ދާދި މިފަހަކުންވެސް ޒައިނަބުދީދީގެ ޢާއިޝާދީދީގެ ދަލޭކާދީދީގެ އިދުރީސްދީދީގެ ފާޠުމާދީދީގެ ކޮނޑޭ އަލްފާ މުޙައްމަދު ޢަބުދުﷲ ދީދީ އަޅުގަނޑަށް ވެސް އެޢާއިލާގެ ބައެއް މަޢުލޫމާތު ދެއްވިއެވެ. އަލްފާ މުޙައްމަދު ޢަބުދުﷲ ދީދީގެ ބައްޕައަކީ ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ، ޢާއިޝާދީދީގެ، ޙަސަންދީދީގެ، އިސްމާޢީލްދީދީގެ ޢަބުދުﷲ ދީދީ އެވެ.
 
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ ޢަލިޚަޠީބާއި ބައެއް ބޭފުޅުންގެ ޢާއިލާ އަދި ނުހޯދެއެވެ. އެބޭފުޅުންގެ މަހާނަގައު، އެރަށު މާލި މިސްކިތުގެ ޤަބުރުސްތާނުން މުޙައްމަދު އިބްރާހީމް ދެކިވަޑައިގެން މަހާނަގަލުގެ ލިޔުން ނަކަލު ކުރައްވާފައިވެއެވެ.
 
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ ފާޠިމާދީދީގެ ބޭފުޅުންނަކީ އަޙުމަދު ނަޖީބު އާއި ޙަރިއްޔާއެވެ. އަޙުމަދު ނަޖީބު ހުންނެވީ ނަޑެއްލާގައެވެ. ޙަރިއްޔާ ފުވައްމުލަކުގައެވެ. ޙަރިއްޔާގެ ވަޙީދާ އިންނެވީ މާލޭގައެވެ. 
 
ކޮނޑޭ ޢަލިމަނިކުފާނުގެ ޙުސައިންދީދީ (ޙުސައިންތަކުރުފާނު) ގެ ޙަސަންދީދީ (ޙަސަންތަކުރުފާނު) ގެ ކަތްދާދީދީ (ކަތްދައިތަ) އާއި ކައިވެނިކުރެއްވީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ މާވާ ކިލެގެފާނުގެ އޮޅަދީދީގެ މޫސާދީދީގެ އިބްރާހީމްދީދީގެ ޢަބުދުﷲ ދީދީ އެވެ. ވާދޫ ހިލިހިލާގޭ މޫސާދީދީ އާއި ދޮންދީދީ އަކީ އެދެމަފިރިންގެ 2 ބޭފުޅުންނެވެ. ދޮންދީދީގެ ބޭފުޅުންނަކީ އާމިނާދީދީ، މަރިޔަމްދީދީ، ފާޠިމާދީދީ، މުޙައްމަދުދީދީ، ޢާއިޝާދީދީ އެވެ. ވާދޫ ހިލިހިލާގޭ މުޙައްމަދު މޫސާދީދީއަކީ ހިލިހިލާގޭ މޫސާދީދީގެ ބޭފުޅެކެވެ. ވާދޫ ކެތި އަޙުމަދު ރުޝްދީއަކީ ދޮންދީދީގެ އާމިނާދީދީގެ ބޭފުޅެކެވެ.
 
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ އިބްރާހީމްދީދީގެ އިސްމާޢީލްދީދީގެ ދޮންދީދީގެ ބޭފުޅުންނަކީ ޢަބުދުލް ޙަމީދު، ފާޠިމާދީދީ، ޙަސަން އިބްރާހީމްދީދީ، މުޙައްމަދު ސަލީމެވެ. މިބޭފުޅުންގެ ޢާއިލާ ކޮނޑެއާއި މަރަދޫއާއި މާލޭގައި ވެސް އެބައޮތެވެ.
 
ވާދޫ ބިއްލޫރިޖެހިގޭ ޢާއިޝަތު މުޙައްމަދުދީދީ، ވާދޫ ފިޔާތޮށިގޭ އަޙުމަދުދީދ، ދެއްވަދޫ ނާރެސް މުޙައްމަދުދީދީ، ކޮނޑޭ ދާރުއްސަލާމް އިބްރާހީމް އިސްމާޢީލްދީދީގެ ފަރާތްޕުޅުން މިޢާއިލާ ހޯދައި ލިޔުމުގައި ވަރަށްބޮޑު އެހީތެރިކަމާއި ގާތްކަން ލިބިފައިވެއެވެ. ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވާފައިވަނީ މި ޢާއިލާގެ އެންމެއިސް ތިން ހަތަރު ވަނަވަރެކެވެ. އޭގެ ފަހު ބައިތަކުގެ އެންމެގިނަ މަޢުލޫމާތު ދެއްވީ މަތީގައި އެވާ ބޭފުޅުންނެވެ. އަޅުގަނޑުގެ ކަމަކަށް ވެފައި މިއޮތީ އޭގެ އެއްބޭފުޅެއްގެ މަޢުލޫމާތު އަނެއް ބޭފުޅުންނާއި ޙިއްޞާކޮށް މަޢުލޫމާތު އެއްގޮތް ކުރުމެވެ. 
(ނުނިމޭ)
ނޯޓް: މިލިޔުމަށް ގެންނަންޖެހޭ ޞައްޙަ އުނިއިތުރެއް ވާނަމަ އެކަން އަންގަވާދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

  މިލިޔުން ކިޔައިފައިވާ ޢަދަދު: 3922

ޚިޔާލުތައް 

 
0 #12 އަހުމަދު 2012-06-14 17:44
އަލީ އަށް ތާރީޚު އެނގިވަޑައި ނުގަންނަވަންޏާ އިތުރަށް ދިރާސާ ކުރެއްވާށެވެ. ކަމުގެ ދެކޮޅު ބެއްލެވުމެއް ނެތި އެހެން މީހުން ގޮވަނީ މޮޔަކަމުގައި ކަނޑައެޅުއްވުން އެއީ ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ރަސްކަން ކުރި ދަރިކޮޅުތަކަށް ނަންދިނީ އެޗް.ސީ.ޕީ ބެލް ކަމީ ފެނިހާމަވާން އޮތް ބަދަލުނުކުރެވޭނޭ ޙަޤީޤަތެކެވެ. އިތުރު ހެއްކަށް ބޭނުންވެލައްވާނަމަ ބެލްގެ މޮނޮގްރާފު ބައްލަވާލައްވާށެވެ. އެންމެ ފުރަތަމަ ދިވެހި ރަސްރަސްކަލުން ދަރިކޮޅުތައް ނުވަތަ ޑައިނެސްޓީތަކަށް ބަހާ އެ ދަރިކޮޅުތަކަށް ނަން ދިނީ ބެލްކަން ތާރީޚުން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ.

ދެން ކުރިން ފާޅުކުރެވުނު ޚިޔާލާއި ގުޅިގެން ދަންނަވާލަން އޮތީ ހުރާ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅަށް އެ ދެ ރަށުގެ ނަމުން ނަން ދިނުމުގައި ފުށުއެރުމެއް ނެތް ކަމުގައެވެ. ސަބަބަކީ އެ ދެ ދަރިކޮޅު ބަފައިފުށުން ބަލާއިރު ޜާއްޖޭގެ ރަށްތަކުގެ ތެރެއިން އެ ދެ ރަށަށް ވުރެ މައްޗަށް އެނގެން ނެތުމާއި އެ ދަރިކޮޅުތަކުގެ ފެށުން އެންމެ ބޮޑަށް ގުޅިފައިވަނީ އެ ދެ ރަށާއިކަމަށްވުމުންނެވެ. އިސްދޫ ދަރިކޮޅަށް އެޗް.ސީ.ޕީ ބެލް އިސްދޫގެ ނަމުން ނަންދީފައި ވަނީ އެދުވަސްވަރު ހުރި ލިޔުންތަކުގައި އެންމެ މައްޗަށް ވެސް އެނގެން އޮތީ އިސްދޫ އަލިރަސްގެފާނުގެ ބައްޕާފުޅާއި ހަމައަށް ކަމަށްވުމުންނެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ އެ ދަރިކޮޅުގެ ފެނު އަޑީގައި ވާ ބައި ހޯއްދެވުމާއި ހަމައަށް އެ ދަރިކޮޅުގެ މަޢުލޫމާތު ދެނެތިބި ބަޔަކު މާލެއަކު ވެސް އަނެއްތާކު ވެސް ނެތެވެ. ބެލްއަށް އޭރު ފުރިހަމަ މަޢުލޫމާތު އެނގިފައިވިނަމަ މިހާރު މި އޮތް ފަދައިން ކަންތައް ވެގެން ނުދިޔައީސްކަން ބެލް ބާކީ ހުރި ދަރިކޮޅުތަކަށް ނަން ދިން އުސޫލަށް ބަލައިލުމުން ވެސް އެނގިގެންދެއެވެ. ބެލް ދަރިކޮޅުތައް ނިސްބަތްކޮށްފައި ވަނީ ބަފައިފުށަށްކަން ފާހަގަކުރަމެވެ. އެހެން ނޫން ނަމަ ހުރާ ދަރިކޮޅަށް މުލީ ދަރިކޮޅޭ ކިޔަންވީ ނޫންތޯއެވެ. ހުރާ އަށްވުރެ ގާތުން ދޮން ބަންޑާރައިންނާ ގުޅެނީ މުއްޔާއެވެ. ސަބަބަކީ މަންމާފުޅަކީ މުލީ މުޙަންމަދު ޚަތީބުގެ އާމިނާ މަނިކުފާނުކަމަށް ވީމައެވެ. އަދި ދޮން ބަންޑާރައިންނަށް ކިޔެނީ ވެސް މުލީގޭ ދޮން ޙަސަންމަނިކު ވިއްޔާއެވެ. މި ޙާލަތުގައި މުލީ ދަރިކޮޅޭ ކިޔުން މާ އައުލާކަން ވެސް ބޮޑު ނޫންތޯއެވެ. ނަމަވެސް ހުރާ ގެ ގޮތުގައި މަޝްހޫރުވި އުސޫލުން ނަމަ ކިޔޭނީ ފުވައްމުލަކު ދަރިކޮޅެވެ. ބެލްއަށް އޭރު ނުހޯދި ހުރި ބައި އެނގުނު ނަމަ މިއަދު މިއޮތް ގޮތަށް ކަން ނުވީހެވެ. ކޮންމެއަކަސް މި ދަންނަވާ ވާހަކައަކީ ވަކި ރަށަކަށް ނިސްބަތް ނުކޮށް މީހެއްގެ ނަމަށް ނަމަވެސް ދަރިކޮޅުތަކުގެ ނަން ބަދަލުކުރުން މުހިންމު ވާހަކައެވެ. ބޭރު ޤައުމުތަކުގަ ވެސް އޮންނަ އުސޫލަކީ އެއީއެވެ.
 
 
0 #11 ހުސޭން 2012-06-13 15:07
ޔޫސުފް ނާއިބު އެއީ ފުވައްމުލަކުގެ ދަރިއެއްކަމަށް ލުޠުފީ ލިޔުއްވާފައި ވަނިކޮށް އަޅުގަނޑުވެސް ދެކުނީމެވެ. "ލުތުފީގެ ހޯއްދެވުމަކާމެދު.." ގެ ނަމުގައި ފާޅުކުރެވިފައި އެވާ ޚިޔާލުގައި ނަންގަނެވިގެންވާ ޔޫސުފް ނާއިބާ ބެހޭ މައުލޫމާތުތަކުގައި ބުރަދަނެއް އެބަހުއްޓެވެ. ލުޠުފީ ވެސް ބަޔާންވެދިޔަފަދައިން ވިދާޅުވެފައިވަނީ އެފަދަ ހެކިތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ޤަބޫލުކުރެވެއެވެ. މި ޕޮއިންޓަކީ މިހާރުގެ ލިޔުންތައް ލިޔުއްވާ ބޭފުޅުން ވަރަށް ވެސް ބޮޑަށް އިޙުމާލުވެވަޑައިގެންފައިވާ ޕޮއިންޓެއްކަން ފާހަގަކުރަމެވެ.
 
 
0 #10 އަލީ 2012-06-13 10:42
އަޅުގަނޑުމެން ތަޞައްރަފު ފުދޭ ބޮޑެތި މީހުން މޮޔަ ނުގޮވަމާތޯއެވެ. ރާއްޖޭގެ ރަސްކަން ކުރެއްވި ދަރިކޮޅުތަކަށް ނަންދެވިފައިވަނީ އެދަރިކޮޅުތަކަކީ އެދުވަސްވަރު މާލޭގައި އެނަންނަމުން މަޝްހޫރުވެ، އެސްޓެބްލިޝް ވެފައިވާ ދަރިކޮޅުތަކަކަށްވާތީއެވެ. އެހެންޏާ މިރާއްޖޭގައި އެއްރަށަކަށްވުރެ ގިނަ ރަށްރަށަށް ނިސްބަތްވާ މީހުން މަދެއް ނޫނެވެ. މަންމައާއި ބައްޕަ ވަކި ރަށަކަށް ވިޔަސް ދަރިފުޅު އެހެން ރަށެއްގެ މީހެއްގެ ގޮތުގައި މަޝްހޫރުފެފައި ވެއެވެ. އެހެން ނަމަވެސް ރަސް ދަރިކޮޅު ފަދަ މުހިއްމު ދަރިކޮޅުތަކަކީ މާލޭގައި ވަކި ގޮތަކަށް އެދަރިކޮޅުތައް މަޝްހޫރު ވެފައިވާ ދަރިކޮޅު ތަކެވެ. މިގޮތުން "ހުރާގޭ ދަރިކޮޅަު" އަކީ ހުރާ ބޮޑުމުރީދު ތަކުރުފާނާ ހިސާބުން މާލޭގައި ހުރާ ދަރިކޮޅުގެ ގޮތުގައި ޤާއިމްވެފައިވާ ދަރިކޮޅެކެވެ. ހަމައެފަދައިން ދިޔަމިގިލީ ދަރިކޮޅަކީ ދިޔަމިގިލީ އަލްވަޒީރުލް އައުޒަމް އިބްރާހިމް ތަކުރުފާނާ ހިސާބުން މާލޭގައި ދިޔަމިގިލީ ދަރިކޮޅުގެ ގޮތުގައި މަޝްހޫރުވެފައިވާ ދަރިކޮޅެކެވެ، އަދި އިސްދޫ ދަރިކޮޅަކީ އިސްދޫ ބޮޑު ވެލާނާ ތަކުރުފާނާ ހިސާބުން މާލޭގައި އިސްދޫ ދަރިކޮޅުގެ ގޮތުގައި މަޝްހޫރުވެފައިވާ ދަރިކޮޅެކެވެ.. އިސްދޫ ބޮޑުވެލާނާ ތަކުރުފާނުގެ ބައްޕަޔަކީ ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅަކަށް ވީގޮތަށް ކުރީގައި އަޅުގަނޑު ދެންނެވި އެހެނިހެން ދަރިކޮޅުތަކުގެ މަތިފުށް ވެސް އެކި އެކި ރަށް ރަށާ ގުޅެއެވެ. އެހެންނަމަވެސް ވަކި ބޭފުޅަކާ ހިސާބުން އެނަން އެގޮތަށް މަޝްހޫރުވަނީ އެވެ... ދެއްވަދޫ ރަސްގެފާނު ވެސް ދެއްވަދު އަށް ނިސްބަތްވަނީ ހަމައެކަނި އެރަދުންގެ މައިފުށުންނެވެ. ދިވެހި ތާރީޚުގައި "ފޮނަދޫ ޚަތީބު ތަކުރުފާނު" ގެ ނަމުން މަޝްހޫރުވެގެންވާ ޢިލްމްވރިޔާ އަކީ ހަތަރުފަރާތުން ވެސް އައްޑުއަތޮޅު މީދޫ ބޭކަލެކެވެ.
 
 
0 #9 ޢަބުދުﷲ ޙިލްމީ 2012-06-12 07:02
ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ދަރިކޮޅުތަކަށް ނަން ދެވިފައިވާ "ލުޠުފީގެ ހޯއްދެވުމަކާމެދު........" މި ލިޔުއްވުމާއި އަދި މުޙައްމަދާއި އަޙުމަދާއި ދެ ބޭފުޅުން ފާޅުކުރެއްވި ޚިޔާލުފުޅަށް ވެސް އަޅުގަނޑު ވަރަށް ބޮޑަށް އިޙުތިރާމް ކުރަމެވެ. މި ކަމަކީ އެންމެ އިންޞާފުވެރި ގޮތަކަށް ނިންމަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ބައެއް ރަސްމީ ލިޔެކިޔުންތަކާއި ވިކިޕީޑިއާ އާއި އަދި އެނޫންވެސް މުހިއްމު ލިޔުންތަކުގައި ޒަމާނުއްސުރެ ލިޔެވެމުން ދިޔަ ގޮތަކީ އެންމެ އިންޞާފުވެރި ގޮތް ނޫން ކަމަށް ވާނަމަ އެއީ މިހާރު ރަނގަޅު ކުރަން ޖެހޭ ކަމެކެވެ. އެކަން ކުރަން ޖެހޭ ފަރާތްތަކުން އެކަން ކުރަން އެބަ ޖެހެއެވެ. ރާއްޖޭގެ ރަސްކަމުގެ ދަރިކޮޅުތަކަށް ނަން ކިޔާފައި އެ ވަނީ އެންމެ ރަނގަޅަށްތޯ އެ ކަމާއި ބެހޭ ފަރާތްތަކުން އިތުރު ވިސްނުމަކަށް ދާން ޖެހެއެވެ. "ތާރީޚީ ގޮތުން ސާބިތު ކުރެވޭ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ގިނަ ދުވަސްތަކެއް ވަންދެން ޤަބޫލު ކުރެވެމުން އައިސްފައިވާ ޤަބޫލު ކުރެވުންތައް ބަދަލު ނުކުރެވޭ ކަމުގައި ވަނީ ނަމަ ތާރީޚީ ހޯދުންތައް ހޯދުމުގެ ބޭނުމެއް ނެތޭ" ދިވެހި މުއައްރިޚު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވެފައި އެ ވަނީ މިކަހަލަ ކަންކަން މިހެން ހުރީމައެވެ.
 
 
0 #8 ާއަލީ ޢަބުދުއްﷲ ގދ ވާދޫ ކުދިމާގެ 2012-06-11 23:20
އަދިވެސް އިތުރު އިޞްލާޙެއް ދައްނަވަމެވެ ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ ފާތިމާދީދީގެ ބޭފުޅުންނަކީ ޢަޙްމަދުނަޖީބޫ އާ ހަރިއްޔާ ކަމުގައި އެވަނީ ގޯހެކެވެ އެދެބޭންނަކީޢުމަރުދީދީގެ ފާތިމާދީދީ ގެ މުޙައްމަދުދީދީގެ ދެކުދިންނެ'ފާތުމާއިދީގެ ކުދިންނަކީ. މިދެންނެވި މުޙައްމާއިދީ އާ އިސްމާޢީލްދީދީ އާ މަރިޔަމްދީދީ އާ އާއިމިނާއިދީދީ އާ ޢަބުދުއްﷲ ދީދީ އެވެ އެއީ އަޅުގަނޑުގެ ބައްޕައެވެ.އިސްމާޢީލުދީދީ ގެ ކުދިންނަކީ އިބުރާހިމްދީދިޔާ ފާތިމަތުދީދީ އެވެ.އެދެބޭންގެ ކުދިންވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ،މަރިޔަމްދީދީގެ ކުދިންގެ ކުދިންވެސް އަދި ދުނިޔޭގައި އެބަ ތިއްބެވިއެވެ.އާއިމިނާއިދީގެއިނީ އެއްމެއަންހެން ކުއްޖެކެވެނަމަކީ ކައްދާއިދީ އެވެ މިހާރު ދުނިޔޭގައި އިނީ އެކަތްދާއިދީގެ ދޮންދީދީ ެކަންޏެވެ ތުއްތުޢަލިދީދިޔާ، މުޙުސިނު ނިޔާވެއްޖެއެވެ.ޢަބުދުއްﷲ ދީދީ ގެ ތިބީ ފާތުމަތުސަމީޙަ،ޔާ މުޙައްމަދު ލުޠުފީޔާ ޢަލީޢަބުދުއްﷲ އެވެ.އަޅުގަނޑުމެން 3 ބެއިންގެ ކުދިންވެސް އަދި އަޅުގަނޑުވެސް ދުނިޔޭގައި އެބަ ތިބީމެވެ ޝުކުރިއްޔާ.
 
 
0 #7 އަހުމަދު 2012-06-11 14:56
ހުރާ ދަރިކޮޅަށް ހުރާ ދަރިކޮޅޭ ކިޔުނީ ކިހިނެއްތޯ އަދި ދިޔަމިގިލީ ދަރިކޮޅަށް ދިޔަމިގިލީ ދަރިކޮޅޭ ކިޔުނީ ކިހިނެއްތޯ މުޙައްމަދު އަދި މުޙައްމަދެކޭ އެއްގޮތަށް ވިސްނުން ގެންގުޅުއްވާ ބޭފުޅުން ބައްލަވާލެއްވުން އެދެމެވެ. ހުރާ ދަރިކޮޅޭ ކިޔޭ ދަރިކޮޅުން ފުރަތަމަ ރަސްކަމަށް އައި ދޮން ބަންޑާރައިންނަކީ މާލެއަށް އުފަން ބޭފުޅެކެވެ. ދޮން ބަންޑާރައިންގެ ބައްޕާފުޅަކީ މާލެއަށް އުފަން މާލޭގައި ދިރިއުޅުއްވި ވަޒީރު ބޭކަލެކެވެ. ކާފާފުޅަކީ ވެސް މާލޭ ބޭފުޅަކަށްވެފައިވާ މާލޭގައި ގެދޮރު ހުރި މާލޭގައި އަވަހާރަވި ބޭފުޅެކެވެ. ކާފާފުޅު އުފަންވީ ވެސް މާލެއަށްކަމަށް ހެކިތަކެއް ލިބެއެވެ. ނަމަވެސް ފަހަރެއްގައި ހުރައަށް ކަމަށްވެސް ވުން އެކަށީގެންވެއެވެ. ހުރާގައި ދިރިއުޅުއްވީ ދޮންބަންޑާރައިންގެ މުނިކާފާފުޅެވެ. އެއީ ވެސް ފްރާންސު މީހެކެވެ. ދޮން ބަންޑާރައިންގެ މަންމާފުޅަކީ މުލަކަތޮޅު މުލީ ބޭކަނބަލެއްކަން ފާހަގަކޮށްލަމެވެ. ވީއިރު އިސްދޫ ދަރިކޮޅުން ރަސްކަމަށް އައި ފުރަތަމަ ރަދުންގެ މަންމާފުޅު އިސްދޫ ބޭކަނބަލަކަށްވުމުން އެ ދަރިކޮޅު އިސްދޫ ދަރިކޮޅަށްވާ އުސޫލުން ބަލާނަމަ ހުރާ ދަރިކޮޅަށް ކިޔޭނީ މުލީ ދަރިކޮޅެވެ. ދޮން ބަންޑާރައިންނަކީ މާލޭ މުލީގޭ ދޮން ޙަސަން މަނިކު ވިއްޔާއެވެ.

އިސްދޫ ދަރިކޮޅުން ފުރަތަމަ ރަސްކަމަށް އައި ސުލްތާން އަލީގެ ބައްޕައަކީ ފުވައްމުލަކު ދައިގަނޑު މާފަތްތަކުރުފާނެވެ. ކާފާފުޅަކީ ދައިގަނޑު ދޮން އީސައެވެ. ވީއިރު ހަމަ އިސްދޫއެކޭ އެއްވަރަށް ފުވައްމުލަކަށް ވެސް މި ދަރިކޮޅު އެބަ ނިސްބަތްވެއެވެ. އެއީ ދަރިކޮޅުގެ ވަރަށް ކުރީ ހިސާބަކުން ގުޅޭ ގުޅުމެއް ނަމަވެސް ތަފާތުވީހެވެ. ނަމަވެސް މި ހާލަތުގައި އިސްދުއެކޭ އެއްވަރަށް ފުވައްމުލަކަށް ވެސް ނިސްބަތް އެބަވެއެވެ. ފުވައްމުލަކުގެ ނަންދެވެން ޖެހެނީ ބަފައިފުށަށް ނިސްބަތްކުރުމުގެ އުސޫލުގެ މަތިންނެވެ. އާންމު ގޮތެއްގައި ދަރިކޮޅުތަކަށް ނަންދެނީ އަދި ރާއްޖޭގެ ދަރިކޮޅުތަކަށް ނަންދީފައި ވަނީ ވެސް ބަފައިފުށަށް ބަލައިގެންނެވެ. އަދިހަމައެއާއެކު ސުލްތާންއަލީގެ މަންމަފުށުގެ އިސްދޫ މަތިފުށް އެއްގޮތަކަށް ވެސް އެނގޭކަށެއް ނެތެވެ. 15 އަށް ވުރެ ވެސް މައްޗަށް ކާފައިންނާ ހަމައަށް ފުވައްމުލަކަށް ނިސްބަތްވާ މަތިފުށް އެބަ އެނގެއެވެ. ވީއިރު އިސްދޫއަށް ވުރެ ބޮޑަށް ނިސްބަތްވަނީ ވެސް ފުވައްމުލަކަށް ނޫންތޯއެވެ. ފުވައްމުލަކަށް ނިސްބަތްވާ ވަރަށް އެހެން އެއްވެސް ރަށަކަށް ނުވަތަ ވަޒަނަކަށް މި ދަރިކޮޅުގެ ފެށުން ނިސްބަތްވާކަން ސާބިތުކުރެވޭކަށް ނެތެވެ.

ރާއްޖޭގެ ދަރިކޮޅުތަކަށް ނަންދިން އެޗް.ސީ.ޕީ ބެލް އެ ދަރިކޮޅުތަކަށް ނަންދިނީ ކާފަ (ބައްޕަގެ ބައްޕަ) ނިސްބަތްވާ ރަށުގެ ނަމުންނެވެ. އެޗް.ސީ.ޕީ ބެލް އަށް އިސްދޫ ދަރިކޮޅުގެ ނަމުން ނަންދެވިފައި މިވާ ދަރިކޮޅުގެ ފުރިހަމަ މައުލޫމާތު ލިބިފައި ވި ނަމަ މި ދަރިކޮޅަށް ނަންދެވުނީހީ ތަފާތުކޮށެވެ. އޭރުގެ ތާރީޚާއި ރާދަވަޅި ފަދަ ލިޔުންތަކުގައި މި ދަރިކޮޅުގެ ފުރަތަމަ ރަދުންނާ ބެހޭގޮތުން ލިޔެވިފައިވަނީ އިސްދޫ އިބްރާހީމް ޝާހު ބަންދަރުގެ ސުލްތާން ޢަލީ ކަމުގައި ވެފައި އެއަށްވުރެ މައްޗަށް އޭރު އެދަރިކޮޅު ހޯދިފައި ނުވުމުން ބެލް އިސްދޫގެ ނަމުން ދަރިކޮޅަށް ނަންދިނީއެވެ. މުހަންމަދު އިބްރާހީމް ލުޠުފީ މި ދަރިކޮޅުގެ ފުވައްމުލަކުގެ މަތިފުށް ހޯދުމާ ހަމައަށް މި ދަރިކޮޅުގެ ފުރިހަމަ މަޢުލޫމާތު އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ތާރީޚުގައި އިސްދޫ އިބްރާހީމް ޝާހު ބަންދަރުއޭ ލިޔެވިފައި ވަނީ ތާރީޚު ލިޔުއްވި ބޭފުޅާއަށް އެބޭފުޅަކާ ބެހޭ އިތުރު މައުލޫމާތު ލިބިފައި ނެތީތީކަމަށް ވެދާނެއެވެ. ނަމުގެ ކުރިއަށް އިސްދޫ ގެނެވިފައި އެވަނީ އިސްދުއަށް ހިޖުރަކޮށް އެރަށުގައި ވަޒަންވެރިވުމުންނެވެ. ތާރީޚުގައި ފާހަގަކޮށްލެވޭ ކެރަމިއްތާ އަބޫބަކުރު ވާދޫ އަބޫބަކުރަށް، މުލަކު ހަސަން ނާއިބު މީދޫ ހަސަން ނާއިބަށް އަދި މުލަކު މާރާދަކަލޭގެފާނު ފިޔޯރީ މާރާދަކަލޭގެފާނަށް މިހެން ގޮސް ނަންގަނެވޭ އެތަކެއް މިސާލުތަކެއްގައި އެތަކެއް ބޭފުޅުންނަކަށް އެބޭފުޅުން ހިޖުރަކުރި ރަށުގެ ނަމުން ނަންދެވިފައިވާ ގޮތުގެ މަތިންނެވެ. ނަމަވެސް މި ހުރިހާ ބޭފުޅުންނަކީ ވެސް 4 މަތިފުށުން އެބޭފުޅުންގެ އުފަން ރަށަށް ނިސްބަތްވާ މީހުންނެވެ.

ކޮންމެއަކަސް ބެލް އޭރު ދަރިކޮޅުތަކަށް ނަންދިނީ އޭރު އެނގެން ހުރި މައުލޫމާތުތަކަށް ބިނާކޮށެވެ. ދިޔަމިގިލީ ދަރިކޮޅު ވެސް ދިޔަމިގިލިއާ ގުޅެނީ ކާފައާ ހަމައިންނެވެ. ދިޔަމިގިލީ ދަރިކޮޅުގެ މަތިފުށް ކާފައަށްވުރެ މައްޗަށް ދާނަމަ މީމު އަތޮޅު މުލަކާ ހަމައަށް ދާކަމުގެ ހެކިތަކެއް ލިބޭކަމަށް ވެސް ލުޠުފީ ލިޔުއްވައެވެ. ހުރާ ދަރިކޮޅަށް ވެސް ދިޔަމިގިލީ ދަރިކޮޅަށް ވެސް ކާފަ (ބައްޕަގެ ބައްޕަ) ގެ ރަށަށް ނިސްބަތްކޮށް ނަންދިން އުސޫލަށް ބަލާނަމަ އިސްދޫ ދަރިކޮޅަށް ކިޔެން ޖެހެނީ ފުވައްމުލަކު ދަރިކޮޅެވެ. ބެލްއަށް އިތުރު މައުލޫމާތެއް ލިބެން ނެތުމުގެ ސަބަބުން ކަންތައްވެގެންދިޔަގޮތް ބަދަލުކުރެވެން ނެތްނަމަ ލުތުފީ ވިދާޅުވާހެން "ތާޜީޚީ ގޮތުން ސާބިތުކުރެވޭ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ގިނަ ދުވަސްތަކެއް ވަންދެން ޤަބޫލުކުރެވެމުން އައިސްފައިވާ ޤަބޫލުކުރެވުންތައް ބަދަލުނުކުރެވޭ ކަމުގައި ވަނީ ނަމަ ތާރީޚީ ހޯދުންތައް ހޯދުމުގެ ބޭނުމެއް ނެތެވެ."

އަޅުގަނޑުމެން ފޮލޯކުރަންވީ ރާއްޖެއަށް ވެސް ނިސްބަތްނުވާ އެޗް.ސީ.ޕީ ބެލް ދީފައިވާ ނަންތަކަށްތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި އެދަރިކޮޅަކުން ރަސްކަމަށް އައި ފުރަތަމަ ރަސްކަލެއްގެ ނަމުން އެ ދަރިކޮޅަކަށް ނަންދިނުން އެއީ އެންމެ އިންސާފުވެރި ގޮތެވެ. ބޭރު ޤައުމުތަކުގަ ވެސް އާންމުގޮތެއްގައި އޮންނަނީ މި ދެންނެވި އުސޫލެވެ. ރަށަކަށް ނިސްބަތްކުރާނަމަ، ދިޔަމިގިލީ ދަރިކޮޅޭ ހުރާ ދަރިކޮޅޭ ދެން ހުރި ދަރިކޮޅުތަކަށް ކިޔާ އުސޫލުން ބަލާނަމަ އިސްދޫ ދަރިކޮޅަށް ކިޔެން ޖެހޭ އެއްހަމައިގެ ނަމަކީ ފުވައްމުލަކު ދަރިކޮޅުކަން ޔަޤީނެވެ. މި ދެންނެވި އުސޫލުން ފުރަތަމަ ރަސްގެފާނުގެ ނަމަށް ބަދަލުކުރުން މުހިންމުކަމުގައި ދެކެމެވެ.
 
 
0 #6 ާއަލީ ޢަބުދުއްﷲ ގދ ވާދޫ ކުދިމާގެ 2012-06-11 14:56
އަލްއަޚް ޢަބުދުއްﷲ ޙިލްމީ ތިޔަކުރައްވަވާ އަގުނުކުރެވޭނެ ބޮޑު މަސައްކަތައްޓަކާ ޝުކުރު އަދާކުރުމަކީ އަޅުގަނޑުދެކޭގޮތުގައި އެހެން ބުނެލުމެއްނޫނެވެ އަޅުގަނޑުދެކޭގޮތުގައި އެއީ އެކަމަށްހިތްވަރުދީ. އެކަމަށް މަގުފަހި ކޮށްދެވެން އޮތްގޮތަކުން އެކަނ ކުރުމެވެ. ކޮންމެއަކަސް ޙިލްމީއާ ޙިލްމީއަށް އެހީތެރިވެދެއްވާ ބައިވެރިންތިކުރައްވަވާ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންގެ ދަރިފަސްކޮޅުގެ ތަޞައްވުރެއް ކުރެހި ހިތުގައި ބިންވަޅުނެގި އަޅުގަނޑުމެނގެ ދަރިންނައްވެސް އެކުދިންގެ ދަރިންނަށް އެއްޗެއް އޮޅުން ފިލުވައިދެވޭނެއެވެ.މިއަދާހިސާބަށްއައިއިރު އަޅުގަނޑައްވެސް ނޭގޭ ކިތައްމެ ބައެއް ޢާއިލާގެ ތެރެއިން އެނގުމުގައި އެމީހުނާއި ގުޅިފައިވާގޮތް އެނގިގެނ ހިނގައްޖެއެވެ. އެހެންކމާއެކު ވާދޫ ގަނދުވަރު ޢަބުދުއްﷲ ދީދިޔާ ފާތިމަތު ދީދި ޚައިވެނިފުޅު ކުރައްވައިގެނ ލިބިވަޑައިގެނނެވީ ފަސް ބޭފުޅުން ކަމަށް ދަންނަވަނ ބޭނުންވީއެވެ. އެއީ މުޙައްމަދު ދީދި،ޢަލިދީދި،އަޙްމަދުދީދި،ޙަސަންދީދި {ތުއްތުދީދި}އިބުރާހިމްދީދި އެވެ.މިދެންނެވި ތުއްތުދީދި އޭނާ މަދުރަސާޔަށް ވައްދަންވެގެން ތިނަދޫ ޢަބުދުއްﷲ ކަތީބު ދުރުވެ ވާދޫގެ ޖަމާލުއްދީނު މަދުރަސާގެ ނަމުގައި މަދުރަސާހުޅުއްވިރޭ ތިންކިލާހަކަށް ކުދިން ހަމަޖައްސަވާ އެކުދިންނަށް ނަންތައް ހަމަޖެއްސެވިރޭ ތުއްތުދީދިއަށް ޙަސަންޙަބީބު ކިއުއްވީ އޭނާގެ އަސްލުނަމަކީ ޙަސަންދީދި ކަމުގައިވާތީއެވެ،އޭގެކުރިން އަޅުގަނޑުގެނަމަކީވެސް ޢލި ދީދި އެވެ އެރޭ އުޞޫލެއްގެގޮތުން އެކަން ކުރެއްވި ގޮތަކީއެކުއްޖެއްގެނަމާ ބައްބަގެ ނަމާ ގުޅުވައިގެން ނަންދިނުމެވެ އެކަމަކު ތުއްތު ދީދިއަށް ޙަސަންޙަބީބު ކިޔުނީ އެގޭދޮށީދެބެއިންގެ ނަމުގެ ފަތަށް މުނީރު އައިސްފައި އޮތުމުން ޢަބުދުއްﷲ ކަތީބު ދެއްވި ނަމެކެވެ. އަސްލުގައި ތުއްތު މިއީ ލޯބިންމަިންބަފައިން ކިޔާ ނަމެކެވެ ނަމަވެސ މިހާރު ހެން އޭރުވެސް ދޮންބޭބެ ތއްތުބޭބެ ތިއްތިބޭބެ ކުދަބޭބެ ވެސް ކިޔާއުޅެއެވެ.އެހެންވީމަ އަޅުގަނޑުގެ ބޭނުމަކީ ކޮބައިކަން ޢަބުދުއްﷲ ޙިލްމީއަށް ސާފުވެވަޑައިގެނފިކަށް އުއްމީދު ކުރަމެވެ.މާތްﷲ ޙިލްމީގެ ތިމަމަސަތްކަތައް ފަހިކަމާއި ކުރިއެރުން މިންވަރު ކުރައްވާށި އާމީން.
 
 
0 #5 ޢަބުދުﷲ ޙިލްމީ 2012-06-11 04:58
ތަސްނީމު ތިޔަ ކުރެއްވި ސުވާލަށް އަޅުގަނޑަށް އެރުވޭ ޖަވާބަކީ އެންމެފުރިހަމަ ޖަވާބަކަށް ނުވެ ހިނގައިދާނެއެވެ. އަޅުގަނޑުގެ މަންމަގެ ހަތަރު ފަރާތާއި ބައްޕަގެ ހަތަރު ފަރާތުން އެނގެންހުރި އެންމެދުރު މީހުންނަށް ބަލާއިރު އެ ފަރާތްތަކުގެތެރޭގައި، ހއ. ތަކަންދޫ، ހދ. ނޮޅިވަރަންފަރު، ބ. ގޮއިދޫ، ކ. މާލެ، ތ. ކަނޑޫދޫ، ތ. ދިޔަމިގިލި، ލ. އިސްދޫ، ގއ. މެރަދޫ، ގއ. ވިލިނގިލި، ގއ. ކޫއްޑޫ، ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ކޮނޑޭ، ގދ. ވާދޫ، ގދ. ކެރަމިންތާ (ކުރަމަތި) ގދ. މަޑަވެލި، ގދ. ތިނަދޫ، ޏ.ފުވައްމުލައް، ސ. ހުޅުދޫ، ސ. މީދޫ، ސ. ގަން، އަދި ސ. ހިތަދޫގެ މީހުން ހިމެނޭކަން ހަނދާންވެއެވެ. މިކަން މިގޮތަށް ހުރުމުން އަޅުގަނޑަކީ ކަނޑައެޅިގެން މިވެނި ޢާއިލާއެއްގެ މީހެއްކަމަށް ނުބެއްލެވި ނަމަވެސް ޢާއިލީގޮތުން އަޅުގަނޑާއި އެންމެދުރުން ގުޅެނީ ފުވައްމުލަކުގެ މީހެއްކަމާއި އަދި އަޅުގަނޑަކީ މަތިވެރި ﷲ ގިނަގުނަ ނިޢުމަތް ދެއްވި އެ ފަރާތްޕުޅަށް މިލްކުވެވޮޑިގެންވާ އެ ފަރާތްޕުޅުގެ އަޅެއްކަމަށް ވުމުން ތަސްނީމުގެ "ގާތް" އިސްލާމީ އަޚެއްކަމަށްވެސް ބެއްލެވުން އެދެމެވެ.
 
 
0 #4 މުޙައްމަދު 2012-06-11 00:45
މި ދަރިކޮޅަށް އިސްދޫ ދަރިކޮޅޭ ކިޔެނީ މި ދަރިކޮޅުން ފުރަތަމަ ވަޑައިގަތް ރަސްގެފާނު އިސްދުވަށް ނިސްބަތް ވާތީ އެވެ. އެ ރަދުންގެ ޢާއިލާ ފުވައް މުލަކަށާއި ޔަމަނަށް ނިސްބަތްވުމަކީ އެހެން ކަމެކެވެ. ތިޔަ ވިދާޚުވި ގޮތަށް ދަރިކޮލު ކިޔާ ކަމަށް ވާނަމަ އަޅުގަނޑުމެން އެނެމެން ވެސް ނިސްބަތް ވަނީ ނޫޙުގެފާނަށެވެ. އެހެންވީމާ މީ ނުވަތަ ހުރިހާ ރަސްކަލުންނަކީ ވެސް ނޫޙުގެފާނުގެ ދަރިކޮޅުގެ ރަސްކަމެކޭ ކިޔުން މާ ރަނގަޅު ނޫންތޯ އެވެ؟
 
 
0 #3 ލުޠުފީގެ ހޯއްދެވުމަކާމެދު... 2012-06-11 00:22
ޙިލްމީގެ މި ސިލްސިލާގެ 5 ވަނަ ލިޔުމުގައި މި ކޮމެންޓު މި ކުރެވޭ ނަމުގައި ފާޅުކުރެވިފައިވާ ޚިޔާލަށް އެއްޗެއް އިތުރު ކޮށްލާނަމެވެ. އިސްދޫ ދަރިކޮޅޭ މި ކިޔާ ދަރިކޮޅު ނިސްބަތްކުރުން އެންމެ އައުލާކަން ބޮޑީ ވަކި ރަށަކަށް ނިސްބަތްކުރާނަމަ ފުވައްމުލަކާ ކަން ވަރަށް ގިނަ ގޮތްގޮތުން ޤަބޫލުކުރަންޖެހޭކަމަށް ދަންނަވަމެވެ. އިސްދޫ ދަރިކޮޅޭ ކިޔެން އޮތީ ލުޠުފީ ވިދާޅުވާހެން އިސްދޫ ކުޑައިބީ ކަމަނާގެ ސަބަބުންނެވެ. މި ކުޑައިބީ ކަމަނައެއްގެ މަތިފުށް އެއްގޮތަކަށްވެސް އެނގޭކަށް ނެތެވެ. އެއާޚިލާފަށް މި ދަރިކޮޅުގެ 15 ވަރަކަށް ބޮޅު ނުވަތަ ކާފައިންނަކީ (އިސްދޫ ދަރިކޮޅުގެ ސުލްތާން އަލީގެ ބައްޕާފުޅު މުލަކު ދައިގަނޑު މާފަތްތަކުރުފާނު ނުވަތަ ކާފާފުޅު މުލަކު ދޮން އީސާ ޚަތީބާ ހަމައިން ފެށިގެން) ފުވައްމުލަކު މީހުންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

15 ވަރަކަށް ޖީލާ އެއް ޖީލު ދެ ޖީލާ ހުރި ފަރަޤު ކިހައި ބޮޑުތޯއެވެ. މި ދަރިކޮޅު ފެށުނުކަމަށް ބުނެވެނީ ޔަމަނު ސުލައިމާނު ޤާދިރާ ހަމައިންކަން ފާހަގަކޮށްލަމެވެ. މި އުސޫލުން ބަލާނަމަ މި ދަރިކޮޅަށް ޔަމަނު ދަރިކޮޅޭ ވެސް ކިއިދާނެއެވެ. ނަމަވެސް ފުވައްމުލަކު ދަރިކޮޅޭ ކިޔުން ލާޒިމުކުރަނީ 15 ވަރަކަށް ކާފައިން ސީދާ ފުވައްމުލަކަށް ނިސްބަތްވާތީއެވެ. ފުވައްމުލަކުގެ ލެއާއި މި ދަރިކޮޅު ގުޅިފައިވާ މިންވަރަށް އެހެން އެއްވެސް ރަށެއްގެ ލެއާއި ގުޅިފައިވާ ކަމަށް އެނގެން ނެތުމުންނެވެ.

ސުލައިމާނު ޤާދިރުގެ ކާފަ ދަރިކަލުން އީސާ ބިން ސޫރު ދިރިއުޅުނީ ފުވައްމުލަކު މީހަކާ އިނދެގެން ފުވައްމުލަކުގައި ކަމަށް ތާރީޚުން ހެކިލިބެން އެބައޮތެވެ. މި އީސާ ގާދިރުގެ ޔޫނުސް ގާދިރު މަރުވީ ފުވައްމުލަކުގައި ކަމާއި އަދި އޭނާގެ ޔޫސުފް ގާދިރު ނުވަތަ ޔޫސުފް ނާއިބު އެންމެ ފުރަތަމަ ކައިވެނި ކުރީ ފުވައްމުލަކު މީހަކާ ކަން ހުރިހާ ރިވާޔަތަކުން ވެސް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. (މޯލްޑިވްސްރޯޔަލްފެމިލީ.ކޮމް ގައިވާ މީދޫ ހިސްޓްރީގައި ޔޫނުސް ޤާދިރު ނިޔައުވީ މުލަކުގައި ކަމަށް އެބައޮތެވެ. ހުރިހާ ރިވާޔަތެއްގައި ވެސް ޔޫސުފް ނާއިބު ހޯދަޑު ދޮންބުޅަލި ކަނބުލޭގެފާނާ ކައިވެނިކުރެއްވިކަމާ އެ ކައިވެންޏަށް ހޯދަޑު ދޮން ޙަސަން ޚަތީބު ލިބުނުކަން އެނގެއެވެ.)

ޔޫސުފް ނާއިބުގެ އުފަން ރަށެއްކަމަށް ފުވައްމުލަކު ކެޑޭރެ ވަނަވަރާއި ހަވާލާދީ އުސްތާޛު ލުތުފީ ބަޔާންކުރައްވަނީ ފުވައްމުލަކެވެ. ޔޫސުފް ނާއިބުގެ މައިންބަފައިންނަކީ ފުވައްމުލަކު މީހުން ކަމުގައި ވެސް ލުޠުފީ ލިޔުއްވައެވެ. (މިފަދައިން ލިޔުއްވާފައި އެވަނީ ކުރިން މި ދެންނެވި ޔޫސުފް ނާއިބުގެ ބައްޕަ އީސާ ފުވައްމުލަކުގައި ވަޒަންވެރިވެ ފުވައްމުލަކު މީހެއްގެ ގޮތުގައި ލޭބަލްޖެހިފައިވުމުން ކަމަށް ޤަބޫލުކުރެވެއެވެ. ޔޫސުފް ނާއިބަށް ފަހުން މީދޫ މީހަކަށް ވާން ޖެހުނު ގޮތަށެވެ.)

ކޮންމެއަކަސް ފަހުން މީދޫގައި ދިރިއުޅުއްވާ އަވަހާރަވުމުން "މީދޫ ޔޫސުފް ނާއިބު"ގެ ނަމުން ފުވައްމުލަކަށް އުފަން އިސްދޫ ދަރިކޮޅުގެ ހޫރު ކާފައެއް ކަމަށްވާ ޔޫސުފް ނާއިބު މަޝްހޫރުވީ ކަމަށް ލިބެން ހުރި ހެކިތައް ބުރަވެއެވެ. މި ޔޫސުފް ނާއިބަކީ ފުވައްމުލަކު ނުވަތަ ފުވައްމުލަކަށް އުފަން މީހެއްކަމަށް ހެކި ލިބޭ އަނެއް ޕޮއިންޓަކީ އޭނާގެ ހުރިހާ ދަރިން ކަހަލަ ގޮތަކަށް މީދޫގައި ނުތިބެ ފުވައްމުލަކުގައި އުޅެފައިވާކަމެވެ. އިސްދޫ ދަރިކޮޅަކީ ޔޫސުފް ނާއިބުގެ ހޯދަޑު ހަސަން ޚަތީބުގެ ދަރިކޮޅެވެ. ކޮންމެއަކަސް ވަކި ރަށަކަށް ނިސްބަތް ކުރާ ނަމަ މި ދަރިކޮޅު ނިސްބަތްކުރުން އެންމެ އައުލާކަން ބޮޑީ އެ ރަށެއްގެ ލެޔާއި މި ދަރިކޮޅު އެންމެ ބޮޑަށް ގުޅިފައިވާކަމަށް އެނގެން އޮތް ފުވައްމުލަކާއެވެ.

މި ދަރިކޮޅަށް ޔަމަން ދަރިކޮޅު ކިޔުމަށް އަޅުގަނޑު ހިތްހަމަ ނުޖެހެނީ އެއީ ރާއްޖެއިން ބޭރުގައި މިހާރު ވެސް އޮތް ޤައުމެއްގެ ނަމަކަށް ވެފައި ހުރާ ދަރިކޮޅަށް ފްރާންސް ދަރިކޮޅޭ ނުކިޔާ އޮތް އުސޫލުގެ މަތިންނެވެ. ހުރާ ދަރިކޮޅަކީ ފްރާންސުގެ ދޮން ލުއީގެ ދަރިކޮޅުކަމަށް މުހަންމަދު އަމީން ދީދީ ލިޔުއްވައެވެ. ކޮންމެއަކަސް ހުރާ ދަރިކޮޅު އަދި ދިޔަމިގިލީ ދަރިކޮޅަށް ނަންދެވުނު އުސޫލުން ބަލާނަމަ މި ދަރިކޮޅަށް ފުވައްމުލަކު ދަރިކޮޅޭ ކިޔެން ޖެހޭކަން 5 ވަނަ ބައިގައި ހަމަ މި ނަމުގައި ފައުޅުކުރެވިފައިވާ ޚިޔާލުގައި އެވަނީއެވެ.

ޙިލްމީގެ ދިރާސާއަށް މުހިންމު ވެދާނެ މަޢުލޫމާތުތަކަކަށް ޔޫސުފް ނާއިބާ ގުޅޭ މި މައުލޫމާތުތައް ވުމާއެކު އަޅުގަނޑަށް ފެނިފައިވާ ތާރީޚީ ގޮތުން ބުރަދަންހުރި ލިޔުންތަކަކުން އެނގިފައިވާ އެއްޗެއް ދަންނަވާލީއެވެ. އަޅުގަނޑުގެ ނަން ހާމަކުރަން ބޭނުން ނުވަނީ މި ދާއިރާގެ މީހަކަށް އަޅުގަނޑު ނުވާތީއެވެ. އަދި އަޅުގަނޑަށް އުޅެވޭނެ މަސައްކަތަކަށް މި މަސައްކަތް ނުވާތީއެވެ. މިކަން އޮތީ ޙިލްމީމެން ފަދަ ދާއިރާގެ ބޭބޭފުޅުން ނުވަތަ ނަސަބުގެ ޢިލްމު ދިރާސާ ކުރާ ބޭފުޅުންގެ އަތްމަތީގައި ކަމަށްވުމުން ގިނަ ބޭފުޅުން އަޅައިގަންނަ ފަދަ ސުރުހީއެއްގެ ދަށުން ލުޠުފީގެ ހޯއްދެވުމެއް ހާމަކޮށްދޭން ޤަސްދުކުރީއެވެ.
 

ޚިޔާލު ފޯމު

  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator

މި ލިޔުންތެރިޔާގެ ލިޔުންތައް

މި ވަގުތު އޮންލައިންގައި

 100 ކިޔުންތެރިން 

ބަސްފޮތުން

ހަށިބުރަވުން މ. ބަރުހެލިވުން.
ލިޔުންތައް ކިޔައިފައިވާ ޖުމްލަ ޢަދަދު : 4397650

އެންމެފަހުގެ ޚިޔާލުތައް